ކޮންމެ މުސްލިމަކީވެސް ކީރިތި ޤުރްއާން ކިޔަވަން އެނގެން ޖެހޭނެ މީހެކެވެ. ޤުރްއާން ކިޔަވަން އެނގުމަކީ ތަޖުވީދު މަގުން ކިޔަވަން އެނގުމެވެ. އެކަމަކުވެސް ގިނަ ބައަކު ބުނަނީ އެމީހުންނަށް ޤުރްޢާން އުނގެނެން ވަޤުތުނުވާ ކަމަށެވެ.
މިހެންބުނާއިރު ކޮންމެ މީހަކުވެސް އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރަނެ ވަޤުތު ކޮންމެ ގޮތަކުން ނަމަވެސް ހޯދާނެއެވެ. އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރާނެއެވެ. ވީމާ ޤުރްޢާން އުނގެނޭނެ ވަޤުތު ނެތްކަމަށް ބުނެ ނިންމައިނުލާށެވެ. އެހެދެނީ ދޮގެކެވެ.
އެކަން ތިބާއަށް މުހިންމުނަމަ ކޮންމެވެސް ގޮތަކުން ވަޤުތު ހޯދައިގެން އެކަންކުރާނެއެވެ. ވީމާ އިތުރަށް ދޮގު ބުނުމުގެ ބަދަލުގައި ތިމަންނާ އެކަމަށް ޝައުޤުވެރިކަމެއް ނެތްކަމަށް ބުނުންވެސް މާރަނގަޅުވާނެއެވެ.
މީސްތަކުންނޭވެ! ކޮންމެ ގޮތަކަށް ބުނެވެސް މިއަދު ނިންމައިލެވިދާނެއެވެ. ނަމަވެސް އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެއެވެ. އެދުވަހުން ޖެހޭނީ ހެދި ދޮގުތަކަށްވެސް ޖަވާބުދާރީވާށެވެ! ވީމާ އެކަމަށް ވިސްނައި ޤުރްއާން އުނގެނެން ކޮންމެ ގޮތަކުން ނަމަވެސް ވަޤުތުކޮޅެއް ހުސްކުރާށެވެ.
މިޒަމާނަކީ ކްލާހަކަށް ނުދިއަ ނަމަވެސް ކިޔަވައި ދަސްކުރެވޭނެ ވަސީލަތްތައް ހުރި ޒަމާނެކެވެ. ޤާރީން ކިޔަވާ އަޑުއަހައިގެންވެސް ދަސްކުރެވިދާނެއެވެ. އޮންލައިންކޮށް ކިޔަވައިދޭ ކްލާހެއްގައިވެސް ބައިވެރިވެވިދާނެއެވެ. އެހެން ގޮތްތައްވެސް ހޯދިދާނެވެ. މުހިންމުވަނީ ކޮންމެ ގޮތަކުން ނަމަވެސް ތަޖުވީދުމަގުން ކިޔަވަން އެނގުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން