ޣައްޒާއަށް ބޮންތައް އޮއްސައިގެންނާއި ބޮޑުބަޑިން ޙަމަލާދީ ފުނޑާލައިފިއެވެ. ޢިމާރާތްތައް ފުނޑުފުނޑުކޮށް ބިމާއި ހަމަހަމަކޮށްލައިފިއެވެ. ހޮސްޕިޓަލްތަކާއި ސްކޫލްތަކަށްވެސް ބެލުމެއް ނެތިއެވެ. 11000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ބަލިޙާލުގައިވާ މީހުންނެވެ.
އެކަމަކުވެސް މުސްލިމުން އަދިވެސް ބުނަނީ ދަނީ ނަޞްރުލިބެމުންކަމަށެވެ. އަހުރެންގެ ސުވާލަކީ ލިބެމުންދާ ނަޞްރަކީ ކޮބައިހެއްޔެވެ؟
ބުނަން ހެއްޔެވެ؟ ޢަދުއްވުން އަނިޔާވެރިވާނެއެވެ. މުސްލިމުން ބަލިކަށިކޮށް ނިކަމެތިކުރަން އެމީހުންނަށް ކުރެވުނުހައި ކަންކަމެއް ކުރާނެއެވެ. މިއީ ދުނިޔެ ފެށުނީންސުރެ އެކަން ހިނގަމުން އަންނަ ގޮތެވެ.
ޢަދުއްވުން ރާވާ ރޭވުންތަކާއި ހިންގާ ޖަރީމާތައް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އެމީހުން ރާވާ ރޭވުންތަކަށްވުރެ މާމޮޅަށް ﷲ ތަޢާލާ ހުރިހާކަންކަންވެސް ރާއްވަވަތެވެ. އެއީ ޤުރްއާނުން އެނގެން އޮތް ކަމެކެވެ.
ނިކަން ވިސްނައިލަބަލާށެވެ! އިސްލާމް ދީނުގެ ވާހަކަ އަޑުއަހަންވެސް ބޭނުން ނުވި އެތައް ހާސް މީހުން މިއަދު އެގެންދަނީ ޤުރްއާން ކިޔައި އުނގެނެމުންނެވެ. ދުނިޔޭގެ ފަހުގެ ތާރީޚުގައި އެއްވެސް ބައަކަށް ނުދޭވަރުގެ ބޮޑެތި ގެއްލުންތައްދީ މިހައި ކުރުމުއްދަތެއްގައި މީހުން ނުމަރާވަރަށް ޣައްޒާގެ ރައްޔިތުންނަށް ގެއްލުންދީ ޝަހީދުކުރުމުންވެސް ޣައްޒާގެ ރައްޔިތުންގެ ޘާބިތުކަން ފެނުމުން ޙައިރާން ނުވާ މީހަކު ނެތެވެ. މިލިއަނުން ކާފިރުން ނުކުމެ ޣައްޒާގެ ރައްޔިތުންނަށްޓަކައި ބޮޑެތި މުޒާހަރާތައް ކުރަމުން އެގެންދަނީ އެފަދަ އެތައް ސަބަބުތަކަކަށްޓަކައެވެ.
މިހާރުވެސް އެތައް ހާސް ބައަކު އިސްލާމް ދީން ޤަބޫލުކޮށްފިއެވެ. އެތައް ހާސް ބައަކު އެތިބީ އިސްލާމްވުމުގެ މަގުމަތީފގައެވެ. މިއީ ފަހުގެ ތާރީޚުގައި މިހާކުރު މުއްދަތެއްގެ ތެރޭގައި އިސްލާމް ދީނަށް ނުލިބޭ ފަދަ ބޮޑު ނަޞްރެކެވެ! އިން ޝާ ﷲ.
ވީމާ އިސްލާމް ދީން ނިކަމެތިކުރެވޭނެކަމަށް، މުސްލިމުން ނެތިކޮށްލެވޭނެ ކަމަށް ހީވެސް ނުކުރާށެވެ! އެކަމަށް މަސައްކަތްކުރާ ވަރަކަށް އިސްލާމް ދީން ދާނީ މަތިވެރިވަމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން