ކައިވެނީގެ ކުރިން ލޯބިވެ ލޯބިދިންވަރަށްވުރެ ބޮޑަށް ކައިވެންޏަށްފަހު ލޯބި ނުދެވޭނެނަމަ ކައިވެނިކުރުމުގެ އެއްވެސް ބޭނުމެއް ނެތް! ލިބޭނީވެސް އަނިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކައިވެނީގެ ކުރިން ލޯބިވެ ލޯބިދިންވަރަށްވުރެ ބޮޑަށް ކައިވެންޏަށްފަހު ލޯބި ނުދެވޭނެނަމަ ކައިވެނިކުރުމުގެ އެއްވެސް ބޭނުމެއް ނެތް! ލިބޭނީވެސް އަނިޔާ!

ކައިވެންޏާއިބެހޭގޮތުން ގިނަ ފިރިހެނުންނަށް އަރާފައި އޮންނަ އޮޅުމެއްވެއެވެ. އެމީހުންނަށް ޤަބޫލުކުރެވެނީ ކައިވެނިކުރެވުމުން އެއޮތީ ނިމިފައި ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ. ކައިވެނިކުރެވުމުން އެއީ ފެށުމެކެވެ. 

ކައިވެނިކުރުމުގެ ކުރިން ދެމީހުން ލޯބިވެގެން އުޅުނުއިރު ބަހައްޓަމުން އައި ގުޅުން ކައިވެންޏަށްފަހު ހީނަރުކުރާނަމަ ކުރި ކައިވެނިން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ކައިވެނި ކުރެވުނުކަން ވެގެންދާނީ އަމިއްލައަށް ލިބިގަނެވުނު ބޮޑު އަނިޔާއަކަށެވެ. 

އަނބިންނަށް އެންމެ މުހިންމު އެއްކަމަކަށްވާނީ ކައިވެނިކުރުމުގެ ކުރިން ދެމީހުން ލޯބިވެގެން އުޅުނުއިރު ބަހައްޓަމުން އައި ގުޅުން ކައިވެންޏަށްފަހުގައިވެސް ހަމައެގޮތުގައި ދެމެހެއްޓުމެވެ. އެކަން ނުކުރެވޭނަމަ އަނބިންގެ ހިތުގައި ސުވާލުތަކެއް އުފެދޭނެއެވެ. އެއީ ކައިވެނީގެ ކުރިން ދެމީހުން ވަކިން ދިރިއުޅުނުއިރު މާދަތިޙާލުގައި އުޅެމުންވެސް ބަހައްޓަމުން އައި ގުޅުން، ދެމީހުން އެކުގައި ދިރިއުޅެން ފެށުމުން އެއަށްވުރެ މާފަސޭހައިން ބޭއްވޭނެއިރު ތިމާދެކެ ޙަޤީޤީ ލޯބިވާނަމަ އެގުޅުން ނުބޭއްވެންވީ ކީއްވެގެންހެއްޔެވެ؟

އެހިސާބުން އުފެދޭނެ ސުވާލަކީ ލޯބިވާކަމަށް ބުނަމުން އައީ ހަމަ ޙަޤީޤަތުގައިވެސް ލޯބިވާތީ ނަމަ މިހެންވާންވީ ކީއްވެގެން ހެއްޔެވެ؟ ކައިވެންޏަށްފަހު ދެމީހުންގެ ގުޅުން ހީނަރުވާންޖެހެންވީ ކީއްވެގެން ހެއްޔެވެ؟ ހިތުގައި އުފެދޭނެ މިފަދަ ސުވާލުތަކުގެ ޖަވާބަކަށްވާނީ ފިރިމީހާއަކީ ދޮގުބުނާ މަކަރުވެރިއަކު ކަމަށް ޤަބޫލުކުރެވުމެވެ. 

އެޙާލަތުގައި އަނބިމީހާ މަޑަކުން ނުހުންނާނެއެވެ. އޭނާއަށް އަޅާލައި ލޯބިދީ، އެކުގައި ގިނަ ވަޤުތު ހޭދަކުރާނެ މީހަކު ހޯދުމުގެ މަސައްކަތް ފަށާނެއެވެ. އެގޮތަށް ކަންތައް ކުރަން ހިތްވަރުދޭކަށް ނެތީމެވެ. ހިތްވަރު ނުދިނަސް ކަންތައްތައް ހިނގާނީ ހަމަ އެގޮތަށެވެ. 

ވީމާ ބުނެލަން ބޭނުންވަނީ ކައިވެނީގެ ކުރިން ލޯބިވެ ލޯބިދިންވަރަށްވުރެ ބޮޑަށް ކައިވެންޏަށްފަހު ލޯބި ނުދެވޭނެނަމަ ކައިވެނިކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެކަމުން ލިބޭނީ ގެއްލުމެވެ. ވީމާ އެޙާލަތުގައި އަނބިމީހާ އޭނާއަށް ލޯބިދޭނެ މީހަކު ހޯދުމުން ނުވަތަ ހޯދަން މަސައްކަތްކުރުމުން އަނބިމީހާ ކުށްވެރިނުކުރާށެވެ! އަމިއްލަކުށް ޤަބޫލުކުރާށެވެ! އިޞްލާޙްވެ ކައިވެނި ސަލާމަތްކުރަން މަސައްކަތްކުރާށެވެ!

 

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން