ބައެއް ފިރިހެނުންނަށް ވިސްނިފައި އޮންނަނީ ހިލޭ އަންހެނުން ނުގެންގުޅޭނަމަ އަނބިމީހާއަށް ހުންނަން ޖެހޭނީ ރުހިގެން ކަމަށެވެ. ނަމަވެސް މިއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.
ހިލޭ އަންހެނުން ނުގެންގުޅުމަކީ ރަނގަޅު ސިފައެކެވެ. ނަމަވެސް އެއަށްވުރެވެސް ގިނަ އަނބިންނަށް މުހިންމުވާނެ ކަމެއް އޮވެއެވެ. އެއީ އެމީހުންނަށް ލޯބިދީ އަޅައިލުމެވެ. އެކުގައި ވަޤުތު ހޭދަކުރުމެވެ. އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިކަންކަން އަނބިމީހާއަށް ކޮށް ނުދެވޭނަމަ ހަމައެކަނި ހިލޭ އަންހެނުން ނުގެންގުޅުމުން އަނބިމީހާއަށް ލިބޭނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟
މިވާހަކަ މިދައްކަނީ ހިލޭ އަންހެނުން ގެންގުޅެން ހިތްވަރުދޭކަށް ނޫނެވެ. ހެޔޮ ގޮތުގައި ރަނގަޅު ދިރިއުޅުމެއް އުޅެވޭނީ ތެދުވެރިވެ ވަފާތެރިވެގެންނެވެ. އެކަމަކީ އެންމެ މުހިންމު އެއްކަންތަކެވެ. ނަމަވެސް ބުނަން ބޭނުންވަނީ އަދި ހަމައެކަނި އެކަމަކުން އެއީ ހުރިހާ ކަމެއް ފުދުނީ ކަމަށް ބަލައިގެން ނުވާނެ ކަމެވެ. އެއީ އަނބިމީހާގެ ހުރިހާ ބޭނުންތަކެއް ފުއްދައިދެވުން ކަމަކަށް ނުވާނެއެވެ.
ހިލޭ އަންހެނުން ނުގެންގުޅެމުން ކުރިން މިބުނި އަނބިމީހާއަށް ބޭނުންވާނެ ކަންކަން ފިރިމީހާ ކޮށްދޭނަމަ ކިތަންމެ ދަތިޙާލުގައި އަނބިން އެމީހުންގެ ފިރިން ދެކެ ލޯބިވާނެއެވެ. އެކުގައި އުޅެން ގަދައަޅައި މަސައްކަތްކުރާނެއެވެ. ޒަވާޖީ ޙަޔާތަށް ދާނީ އުފާވެރިކަން ލިބެމުންނެވެ! އިން ޝާ ﷲ
- އަލަފް / މިއަދުނޫސް