ދެމަފިރިން ތަތްކޮށްދީ އެކުގައި ހިފހައްޓުވާ ބާރަކީ އަންހެނާގެ ރީތި ސިފައާއި ފިރިމީހާގެ ތަނަވަސްކަން ކަމުގައި ހަދައިފިނަމަ ދާދި އަވަހަށް އޮންނާނީ އެބާރު ކެނޑިގެން ގޮސްފައެވެ. ސުވާލަކީ އެހެންކަމަށްވާއިރު ދެމަފިރން އެކުގައި ހިފަހައްޓައިދޭ ބާރަކަށް ހަދަންޖެހޭނީ ކޮންކަމެއް ހެއްޔެވެ؟ އެބާރަކީ ކޮބައިހެއްޔެވެ؟
މިސުވާލުގެ ޖަވާބު އެކިމީހުން އެކިގޮތަށް ދީފާނެއެވެ. ނަމަވެސް އަހުރެންގެ ޖަވާބަކީ ދެމަފިރިން ވަކިނުވެ އެކުގައި ހިފަހައްޓައިދޭނެ އެންމެ ބޮޑުބާރަކީ ދެމީހުންގެ އަމިއްލަ ހުރިހާ ކަންކަމެއްގެ ކުރިއަށް އާޚިރަތް ދުވަސް ނެރެވުން ކަމަށެވެ. މާނައަކީ ދެމީހުންނަކީވެސް އާޚިރަތް ހޯދަން އެކުގައި މަސައްކަތްކުރާ ދެމީހުންކަމުގައިވުމެވެ.
މިހެން މިބުނާ ސަބަބަކީ ދުނިޔަވީ ގޮތުން ބޭނުންވާ ކޮންމެ ކަމަކަށްވެސް ކޮންމެ ވަޤުތަކުވެސް ބަދަލުއަތުވެދާނެއެވެ. މިޘާލަކަށް ބުނާނަމަ އެކަކު އެންމެ ބޮޑަށް ބޭނުންވާ އެއަކަމަކީ ދެމީހުން އެކުގައި އެއްދާންކުރުން ކަމަށްވެއްޖެނަމަ ދިމާވާ ގޮތަކުން ނުވަތަ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެއީ އެހައި މުހިންމުކަމަށް ނުވެ ހިނގައިދާނެއެވެ. ދެމީހުން އެކުގައި ބޭރަށް ދިއުން ފަދަ ކަމެއް ނަމަވެސް ބޭރަށްދާން ފޫހިވެ ގޭގައި ގިނަ ވަޤުތު ހޭދަކުރަން ބޭނުންވުމަށް ބަދަލުވެދާނެއެވެ. މިހެންގޮސް ދުނިޔަވީ ކޮންމެ ކަމަކީ ބަދަލުވެދާނެ ކަމެކެވެ.
ނަމަވެސް ތިމާ މެންނަކީ ތަޤްވާވެރިންކަމުގައިވެ އާޚިރަތް ހޯދަން މަސައްކަތްކުރާނަމަ އެކަމަކީ ދުވަހަކުވެސް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ. ދިރިތިބިހައި ހިނދަކު އެކަމަށް މަސައްކަތްކުރާނެއެވެ. ވީމާ ދެމީހުން ވަކިވާކަށް ބޭނުމެއް ނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން