ފޫހިވެ ކީރިތި ޤްރުއާނާ ދުރުހެލިވެވެން ފަށައިފިނަމަ ޚާއްޞަކޮށް އަންހެނުންގެ ސަމާލުކަން އިތުރުކުރަން ޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ފޫހިވެ ކީރިތި ޤްރުއާނާ ދުރުހެލިވެވެން ފަށައިފިނަމަ ޚާއްޞަކޮށް އަންހެނުންގެ ސަމާލުކަން އިތުރުކުރަން ޖެހޭ ސަބަބު-

ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކީރިތި ޤްރުއާނާއި ދުރުހެލި ވެވުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ކުރިން ކިޔަވަމުން އައި ވަރަށް ވެސް ނުކިޔެވެނީއެވެ. މުރާޖަޢާ ނުކުރެވެނީއެވެ. މާނަ އެނގެން ކަންނެތް ވަނީއެވެ.

މިހާލަތުގައި ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެއެވެ. އެފަދަ ގޮތްތައް މެދުވެރިވާން ފަށާނީ އެމީހެއްގެ މައްޗަށް ވެރިވެގަންނަން ޝައިޠާނާ އިތުރަށް މަސައްކަތް ފެށުމުންނެވެ. އެހެންކަމުން އެއީ އިންސާނެއްގެ ޙަޔާތުގައި ކުރިމަތިވާނެ އެންމެ ނުރައްކައުތެރި އެއް ފަތަރެވެ.

މީހަކު ކީރިތި ޤްރުއާނާއި މެދު ބަހައްޓަން ޖެހޭ ސަމާލުކަން ދީގެން އެ ފޮތް ކިޔަވައި މުރާޖަޢާކޮށް އަދި މާނަ އާއިމެދު ވިސްނާނަމަ އެމީހަކާއި ކައިރިވުމަކީ ޝައިޠާނާއަށް ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ކީރިތި ޤްރުއާނުގެ އަހުލުވެރިއަކަށް ބާރު ފޯރުވަން ބޭނުންވެއްޖެނަމަ ޝައިޠާނާ ފުރަތަމަ ވެސް މަސައްކަތް ފަށާނީ އެމީހަކު ކީރިތި ޤްރުއާނާއި ދުރުހެލި ކުރުވުމަށެވެ. މިއީ އަންހެނުން ބޮޑަށް ސަމާލުކަން ދޭން ޖެހޭނެކަމެކެވެ! ބައެއް އަންހެނުންނަށް އަދިވެސް ޤަބޫލުކުރެވިފައި އޮންނަނީ ހައިޟުގެ ދުވަސްވަރު ނަމާދު ނުކުރެވޭތީ އެއްވެސް އަޅުކަމެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެމީހުން ކުރަމުން އަންނަ ހެޔޮ އަމަލުތަކާއި ދުރުހެލިވެއެވެ.

މިއީ އެއްވެސް ޙާލެއްގައި އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. ޛިކުރުކުރުން، ޤުރްއާން ކިޔެވުން ފަދަ ދުލުން ކިޔަވާ އެއްވެސް އެއްޗެއް ކިޔަވަން ޙައިޟުގެ ދުވަސްވަރުވެސް އެއްވެސް ހުރަހެއް ނެތެވެ. ނުކުރެވޭނީ ހަމަ އެކަނި ހިނައި ތާހިރުވެ ވުޟޫކޮށްގެން ކުރަންޖެހޭ ކަންކަމެވެ.

ޙައިޟު ރަނގަޅުވުމުން ކުރިން ކުރަމުން އައި ވަރަށް އަޅުކަން ކުރަން އުނދަގޫވަނީ ޝައިޠާނާގެ ސަބަބުންނެވެ. ތަފާތު ވަސްވާސްތައް ދީ ކަންނެތް ކުރުވާތީއެވެ. ވީމާ ޝައިޠާނާއަށް ބާރު ނުފޯރުވޭ ވަރަށް އަބަދުވެސް އަޅުކަމުގައި ދެމިހުންނަން ވާނެއެވެ. ހިތުން ކިޔަވަން އެނގޭ ވަރަށް އަބަދުވެސް ކިޔަވަންވާނެއެވެ. ޛިކުރުކުރަންވާނެއެވެ. ހަމަ އެއާއިއެކު އަޢޫޛް ކިޔެވުން ގިނަކުރަންވެސް ވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

"ޙައިޟުގެ ދުވަސްވަރު ކީރިތި ޤްރުއާން އެމީހަކު ބޭނުން ވަރަކަށް ކިޔެވޭނެ އެވެ. ހަމައެކަނި މުޞްޙަފްގައި އަތް ނުލެވޭނީ އެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން