އަނބިން ނީލަމަށް ނެރުނީމަ ގަންނަން އުޅުނީމަ ނުވަތަ ގަތީމަ އެކަމާ ރުޅިއައުމުން ކުރާނީ ކޮން ފައިދާއެއް! ކުށްވެރިއަކީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އަނބިން ނީލަމަށް ނެރުނީމަ ގަންނަން އުޅުނީމަ ނުވަތަ ގަތީމަ އެކަމާ ރުޅިއައުމުން ކުރާނީ ކޮން ފައިދާއެއް! ކުށްވެރިއަކީ ކާކު؟

ބައެއް ފިރިހެނުން އެމީހުންގެ އަނބިން ގޮވައިގެން ބޭރަށްދާން ބޭނުންވަނީ، ޙަފްލާތަކަށްދާން ބޭނުންވަނީ އެންމެ ގިނަ ބައެއްގެ ސަމާލުކަން އަނބިމީހާއަށް ލިބޭނެ ގޮތަށް ހެދުން އަޅުވައިގެންނެވެ. 

އެކަމަކު ފިރިހެނަކު އަނބިމީހާއަށް ބޮޑަށް ބަލައިފިނަމަ ރުޅިއާދެއެވެ. ފިރިހެނަކު އަނބިމީހާއަށް ސަމާލުކަންދީފިނަމަ ރުޅިއާދެއެވެ. އަނބިމީހާގެ ފޯނުނަންބަރު އޮޅުންފިލުވަން އުލެފިނަމަ ވަކިން ބޮޑަށް ރުޅިއާދެއެވެ. ސޯޝަލް މީޑިއާގައި ޗެޓްކޮށްފިނަމަ އިތުރަށް ރުޅި އައުދެއެވެ. 

ނިކަން ބުނެބަލާށެވެ! މިއީ އެއްވެސް ގޮތަކުން ދެކޮޅުޖެހޭ ގޮތެއް ހެއްޔެވެ؟ ބުއްދިއަށް މިކަން މިގޮތަށް ޤަބޫލުކުރެވޭނެ ހެއްޔެވެ؟ 

ފިރިން ވިސްނާށެވެ! ބޭރަށް ނުވަތަ ޙަފްލާއަކަސް ދާންވުމުން އެމީހެއްގެ ކެރިކުޅަދާނަކަން، ތަނަވސްކަން ހުރި ފެންވަރަކުރުން އަނބިމީހާ ރީތި ފޭރާން ލެއްވުމަކީ މައްސަލައެއް ނޫނެވެ. އެކަމުގައި އެއްވެސް ގޯހެއް ނެތެވެ. ނުބައިކަމެއް ނެތެވެ. މައްސަލައަކަށްވަނީ ފޭރާން ލައްވާގޮތެވެ. ނިވާކުރުވަންޖެހޭ މިންވަރަށް ނިވާ ނުކުރުވުމެވެ. 

މީހުން ގަންނަން ބޭނުންވާ އެއްޗެއް ހިފައިގެން ވިއްކަން ތިބާ ހިނގަނީއެވެ. އެއެއްޗެއްގައި އަތްލައި ބަލާނީ ހަމައެކަނި ގަނެވޭނެ ފެންވަރުގެ ތަނަވަސްމީހުން އެކަންޏެއްވެސް ނޫނެވެ. ފެންވަރު ނެތަސް ގިނަ ބައަކު އަގުވެސް އަހާނެއެވެ. އަތްވެސްލާނެއެވެ. މަޢުލޫމާތުވެސް އޮޅުންފިލުވާނެއެވެ. ގަނެވޭ ފެންވަރުގެ މީހުން ގަންނާނެއެވެ. 

އަޢުރަ ނިވާނުކޮށް އަނބިން ގެއިން ބޭރުގައި ގެންގުޅުމަކީ މިފަދަ ކަމެކެވެ. ގިނަ ބައަކު ޝައުޤުވެރިވާނެއެވެ. ޖަހައިގަނެވޭ ފެންވަރުގެ މީހުން ޖަހައިގަންނަން މަސައްކަތްކުރާނެއެވެ. އެނޫން މީހުންވެސް އެކިއެކި "އެޕްރޯޗް" ޖަހާނެއެވެ. އެކަމާއި ރުޅި އައުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެކަންކަންވާނީ ތިބާ ކުރުވާ ކަންކަމަށް ނޫންހެއްޔެވެ؟ 

މިފަދަ ޙާލަތަށް އަހުރެން ބުނާނީ އެއީ އަނބިން އިޝްތިހާރުކޮށް ނީލަންކިޔުން ކަމަށެވެ. ކުރެވެނީ އެއްކަމަކަށްވާތީއެވެ!

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން