ފަލަސްޠީނަށް ޚާއްޞަކޮށް ޣައްޒާއަށް ކުރިމަތިވެފައިވާ ބިރުވެރި، ނިކަމެތި ޙާލަތާއި ގުޅިގެން މުޅި ދުނިޔެވެސް ކަންބޮޑުވެއެވެ. ދެރަވެ ހިތާމަނުކުރަނީ މުޅިދުނިޔޭގެ އާބާދީއަށް ބެލިނަމަވެސް މަދުމީހެކެވެ. މުސްލިމުންގެ މާޔޫސްކަން ދަނީ ދުވަހެއް އިތުރުވަމުންނެވެ. އެއީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަޞްރު ލިބޭތަން ލޮލަށް ނުފެންނާތީއެވެ.
ޙަޤީޤަތް ޤަބޫލުކުރާ ކޮންމެ މީހަކުވެސް، އެއީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކޮންމެ މީހަކު ނަމަވެސް ބުނާނީ މިއަދު ޣައްޒާގެ ރައްޔިތުންނަށް ޖެހިފައިވާ ނިކަމެތި ޙާލަތު ފަދަ ޙާލަތެއް ފަހުގެ ތާރީޚުގައި ދުނިޔޭގެ އެއްވެސް ބައަކަށް ލިބިފައި ނުވާ ކަމަށެވެ.
ވިސްނާށެވެ! ޤުރްއާނަށް އިތުބާރުކުރާށެވެ.
"ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ."
"ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ."
(އަލް އިންޝިރާޙް: 5،6)
މި 2 ޢާޔަތަށް ބަލާށެވެ! އުނދަގޫކަމާއެކު ފަސޭހަކަން ވާނެކަން ދެއާޔަތުގައިވެސް އެވަނީ ކަށަވަރުކޮށްދެއްވަވައިފައެވެ. ވީމާ މިއަދު ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ ބަދަލުގައި އެމީހުންނަށް އުފާވެރިކަން މިންވަރުކުރައްވަވާނެކަން އެއީ ޔަޤީންކަމެކެވެ.
ﷲ ތަޢާލާ އެމީހުންގެ ޙާލަތު ބަދަލުކު ރައްވަވައި ދެއްވަވާނެތެވެ. އެމީހުންނަށްވެސް މިނިވަންކަމާއިއެކު ދިރިއުލެވޭނެ މަގު ތަނަވަސްކޮށްދެއްވަވާނެތެވެ. ގެދޮރާއި އެހެން ލުއިފަސޭހަތައްވެސް މިންވަރުކުރައްވަވާނެތެވެ. އެކަމަށް ޝައްކުކުރާކަށް ނުޖެހެއެވެ.
ﷲ ތަޢާލާ ކަމަކަށް އިރާދަކުރެއްވެވުމާއިއެކު އެކަމެއް އޮންނާނީ ވެނިމިފައެވެ. އެކަމަސް ހުރަސް އެޅޭނެ، އެކަމެއް ހުއްޓުވޭނެ ހަމައެކަކުވެސް ނެތެވެ. އަހުރެމެންނަށް ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެކަންކުރަންވީ ހަމަ އަހުރެމެންގެ ފައިދާއަށެވެ. އަހުރެމެންގެ ފާފަތައް ފުއްސަވައިދެއްވަވައި ސުވަރުގެ ވެއްދެވުން އެދިގެންނެވެ. ޞަދަޤާތަކީ އެކަމަށް އޮތް އެންމެ ފަހި މަގެވެ.
މިވާހަކަކޮޅު މިބުނީ ޣައްޒާގެ މައްސަލަ ޙައްލުނުވެ ދިގުލައިދާތީ ގިނަ ބައަކު ކަންބޮޑުވާތީ އެމީޙުންނަށް ހިތްވަރެއްގެ ގޮތުންނެވެ. މާޔޫސް ނުވެ ޘާބިތުވެ ތިބެން ހިތްވަރުދިނުމުގެ ގޮތުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން