ހިތާމައިން ހިތްހަލާކުވެގެންދާ ﷲ ގެ އަޅާއެވެ! ތިއަ ރަޖާގަނޑުގެ ދަށަށް ވަދެ ފިލައި އޮތުމަކުން އެއްވެސް ކަމެއް ޙއްލެއް ނުވާނެ ނޫންހެއްޔެވެ؟ އަންހެނުންނަކީ ތިއަހައި ހިތްވަރު ދެރަ ބައަކަށް ވެގެން ނުވާނެއެވެ. ތިއައީ މާހިތްވަރުގަދަ ބައެކެވެ.
ބުނަން ހެއްޔެވެ؟ ވިހަން އަންހެނެއްގެ ބަނޑުގައި އަޅާވޭނުގެ އެންމެ އިންސައްތައެއް ފިރިހެނެއްގެ ބަނޑުގައި އެޅިނަމަވެސް އެމީހަކު ދެން ދުވަހަކުވެސް އަންހެނަކާއި ކައިރިވެސް ނުވާނެއެވެ. ކީއްވެގެންކަން އެނގޭހެއްޔެވެ؟ ވިހަންޖެހިދާނެތީއެވެ. އެކަމަކު ތިއަ ކަނަބަލުން 15، 20 ދަރިންވެސް ތިއަ ވިހަނީ އުފަލުންތިބެގެންނެވެ. އަހަރު ދެކޮޅު ވިހަންޖެހުނަސް ކަންބޮޑެއް ނުވެއެވެ. ތިއައީ އެހައިވެސް ހިތްވަރުގަދަ ބައެކެވެ.
ވީމާ މީހަކު ގޮތެއް ހަދައިލާއިރަށް ގޮދަޑިއަށް މޫނު ހަރައިގެން އޮންނަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ ހިތްވަރުކޮށްލާފައި ތެދުވާށެވެ! ފާޚާނާއަށް ވަދެ މޫނު ދޮވެލައި ވުޟޫކޮށްލައިގެން ނުކުންނާށެވެ. މުސައްލަ މަތީގައި އިނދެލާށެވެ. ނަމާދެއް ނުކުރިޔަސް ސަޖިދަވެސްކޮށްލާށެވެ! ތެދުވާށެވެ! ހިތްވަރާއި އުފާވެރިކަން ދެއްވެވުން އެދި ދުޢާކޮށްލާށެވެ!
އިން ޝާ ﷲ ހިތްވަރު ދެއްވަވާނެތެވެ. ހިތްވަރުލިބުމުން ތެދުވެ 2 ރަކްޢަތް ނަމަވެސް ނަމާދެއްކޮށްލާށެވެ! ނަމާދަށްފަހުގައިވެސް ދުޢާކޮށްލާށެވެ!
ބުނަން ހެއްޔެވެ؟ ދެރަވީމާ ދެން އެދަށް ނުއަރާށެވެ! ވުޟޫކޮށްލައިގެން މުސައްލަމައްޗަށް ގޮސް މިބުނި ފަދައިން ކަންތައް ކުރާށެވެ! ދުވާލަސް ރޭގަނޑަސް މިބުނި ފަދައިން ކަންކަން ކުރާށެވެ!
އުފާކުރާށެވެ! މިގޮތުގައި އެންމެ 3 ދުވަސް ހޭދަކޮށްލެވިއްޖެނަމަވެސް ހުރިހާ މާޔޫސްކަމެއް ފިލައިގެން ހިނގައިދާނެތެވެ! އިން ޝާ ﷲ