އަނެއްކާވެސް ވެރިކަން ބަދަލުވަނީއެވެ. އެއްބައެއްގެ އަތުން ބާރުތައް ގެއްލި އަނެއް ބައެއްގެ އަތްމައްޗަށް ބާރުތައް އަރަނީއެވެ. މިފަދަ ވަޤުތަކު މިއީ ހަނދާން އައުކޮށްލުން ރަނގަޅު ކަންކަމެވެ.
މިއީ ފުލުހެއްގެ ވާހަކައެކެވެ. އެހެނަސް މިއީ ބާރުތައް ލިބޭ ކޮންމެ މީހަކުވެސް އަބަދުވެސް ވިސްނަންވީ ކަންކަމެވެ.
އަޅުގަނޑު އިންޑިއާގައި ކިޔަވަންހުރި ދުވަސްވަރެވެ. އެ ފުލުސް މީހާގެ މަތިން މިހާރުވެސް ހަނދާންވެއެވެ.
ކަންދިމާވިގޮތުން އަޅުގަނޑު ހުރި ގެއާއި އިންވެގެން ޖިފުޓިގަނޑެއްގައި ދިރިއުޅެނީ ވަރަށް ނިކަމެތި ޢާއިލާއެއްގެ މީހުންނެވެ. އެމީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ މަގުމަތީގައި ގާޑިޔަލެއް ބާއްވައިގެން ހިނގާ މީހުންނަށް ތަރުކާރީކޮޅު ފަދަ ތަކެތި ވިއްކުމެވެ. އެހިސާބުގަނޑުގައި ދިރިއުޅޭ ތަނަވަސް މީހުންވެސް އެމީހުންގެތަކަށް ގާޑިޔަލުން ތަކެތިގަތުމުގެ އިތުރަށް އެމީހުންގެ ގެތަކުގައި ހައްދާ ތަރުކާރީ ފަދަ ތަކެތި އެމީހުންނަށް ހަދިޔާކުރެއެވެ. ވިއްކައިގެން ފައިސާ ހޯދުމަށެވެ.
އެޢާއިލާއަށް ބޮޑު މުޞީބާތަކަށްވެފައި ހުންނަ ފުލުހަކު އެސަރަހައްދުގައި އުޅެއެވެ. ކޮންމެ ދުވަހަކުހެން އެމީހުން އަތުން ތަރުކރީއަތުން އަތުލާނެއެވެ. އަގުދިނުމުގެ ވާހަކަދައްކައިފިނަމަ ބުނާނީ މަގުމަތީގަ އެއްޗެތި ވިއްކަން ތިބުމަކީ މަނާކަމެއް ކަމަށާ ގާޑިޔާ ނަންގުވަންޖެހިދާނެކަމަށެވެ.
އެގާޑިކިޔާ ކައިރީގައި އެއްޗެތި ވިއްކަން ހުންނަ އެއް ކުއްޖަކީ ކަރީނާ ކިޔާ ކުއްޖެއެވެ. "ޞާޙަބް! މިއަދު މަންމަ ވަރަށް ބަލި! މިއުޅެނީ ޑޮކްޓަރަށްވެސް ނުގެންދެވިގެން! މިއަދު ލާރިއެއްދީ!" ކޔައި އާދޭސްކުރި ދުވަހުވެސް ތަރުކާރީ ކޮތަޅު ގެންގޮސް ގެއަށްލުމަށްފަހު އައިސް ގާޑިޔަލުގައި ފައިންތަޅާ ގާޑިޔާ ވައްތާލާނެ ކަމުގެ ބިރުދެއްކިއެވެ.
ނުބައި ޕޮލިސް މީހާގެ ކަންކަން ނިމެން ދިމާވީ އެންމެންނަށްވެސް ޢިބްރަތަކަށްވާނެ ނަމަވެސް އޭނާއަށް ވަރަށް ހިތާމަހުރި ގޮތަށެވެ. އެއްދުވަހަކު މެންދުރު މަގުމަތި ބަލަހައްޓަންހުއްޓާ އައިސް ޤަވާއިދުން މަޑުކުރި ކާރެއް ދުއްވަން އިން އަންހެނަކަށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅުމުން އަންހެން މީހާ ފައިސާ ނުދިނިއެވެ. ބިއްލޫރިގަނޑުވެސް ތިރިނުކުރީއެވެ. ވާހަކަވެސް ނުދެއްކީއެވެ. އައިރުޅިން ކާރުގެ ކުރިމަތި ބިއްލޫރިގަނޑު މުގުރުންތަޅާލިތަނާ ފެނުނީ ފުލުހުންގެ 4 ޖީޕް ސައިރަން އަޅަމުން އައިސް މަޑުކުރިތަނެވެ. އިތުރުވާހަކައެއްވެސް ނުދައްކައި ފުލުސް މީހާ ބިޑިއަޅުވައިގެން ގެންދިއައީއެވެ.
އޭނާއަށް ގެއްލުން ދެވުނީ ޕޮލިސް ކޮމިޝަނަރުގެ އަނބިމީހާ ދުއްވާ އަމިއްލަ ކާރަށެވެ. ފުލުހުން އެއައީ ކޮމިޝަނަރުގެ އަނބިމީހާ އަނގައިން ނުބުނެ އިނދެ މެސެޖްކުރުމުންނެވެ. ކޮންމެއަކަސް އެދުވަހުން ފެށިގެން އެ މީހާ ފުލުހުންގެ ޔުނިފޯމުގައިވެސް އަދި އެހެން ހެދުމެއްގައިވެސް ފެނިފައެއް ނުވެއެވެ.
މިފަދަ ކަންކަމުން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ އަނިޔާވެރިވާން އަބަދު ފުރުޞަތު ނުލިބޭނެކަމެވެ. އިންޞާފު އައިސް އަރާހަމަކުރާނެކަމެވެ. ﷲ ތަޢާލާ މީހަކު ނިކަމެތި ކުރައްވަވައިފިނަމަ އެމީހަކު މަތިވެރިކުރުވޭނެ ފަރާތެއް ނުވެއެވެ. ވީމާ ތިމާއަށް ބާރު ލިބިގެން ތިބޭ ދުވަހު ވިސްނާލައިގެން އުޅުން ރަނގަޅުވާނެއެވެ.
- ހުސައިން ވަޙީދު / މިއަދުނޫހުގެ ކިޔުންތެރިއެއް