ތިމާ އާއި ގުޅުން ނެތް ކަމަކަމާއި ނުބެހުމަކީ އެމީހަކަށް ފައިދާހުރި ކަންކަމަށް ވިސްނަން ގިނަ ވަޤުތު ލިބޭނެ ކަމެކެވެ. އަދި ފައިދާ ހުރި ގޮތް ވިސްނަން އެންމެ ފަސޭހަވާނެ ސަބަބެވެ. އެހެނީ ބޭކާރު ޚިޔާލުތައް ގިނަވުމަކީ ސިކުނޑިއަށް ބާރުބޮޑުވެ ރަނގަޅު ގޮތް ވިސްނަން އުނދަގޫވާނެ ކަމެކެވެ.
މީގެ އިތުރުންވެސް ސަމާލުކަންދޭންޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ތިމާ އާއިބެހޭ ހުރިހާ ކަންކަން އެންމެންނަށް ނުއެންގުމެވެ. ކުރިއަށް ކުރަން ރާވާ ކަންކަމުގެ މަޢުލޫމާތު މީހުންނަށް ނުދިނުމެވެ. އެކަންކަން ސިއްރުކުރުމެވެ.
އެކަމުގެ ބޭނުމަކީ ހަމައެކަނި މީހުންގެ ހަސަދައިން ސަލާމަތްވުމެއްވެސް ނޫނެވެ. އެންމެ ބޮޑު އެއްބޭނުމަކީ އެހެން މީހުންގެ ފާޑުކިޔުންތަކުން ސަލާމަތްވުމެވެ. ކަންކަން ކުރަންވީ ގޮތް ކޮންމެ މީހަކުވެސް ކިޔައިދޭނެއެވެ. ނަމަވެސް އެހީތެރިވާނީ މަދުމީހެކެވެ. އަދި އެންމެ ކިޔައިދޭ ގޮތަށް ކަންކަން ކުރަން މަސައްކަތްކުރާނަމަ ކާމިޔާބުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟
ހަމައެފަދައިން އަމިއްލަ މިނިވަންކަން ބޭނުންވާނަމަ މަޑުމައިތިރިކަން އިސްކުރަންވާނެއެވެ. ހަލަބޮލި ކަމުގެ ތެރޭގައި އުޅޭ މީހެއްގެ ސިކުނޑިއަށް އަބަދުވެސް އޮންނާނީ ބާރުބޮޑުވެފައެވެ. ސިކުނޑިއަށް ބާރުބޮޑުވުމަކީ ކުރަންޖެހޭ ކަންކަން ހަނދާން ނެތޭ ކަމެކެވެ. އަދި ރަނގަޅަށް ވިސްނަން އުނދަގޫވާ ކަމެކެވެ.
ޖުމުލަ ގޮތަކަށް ބުނާނަމަ ދިރިއުޅުމުގައި ކުރިއަރައިދެވޭނީ ސިކުނޑިއަށް ލުއިކޮށްދިން ވަރަކުންނެވެ. މިބުނެލީ ސިކުނޑިއަށް ލުއިކޮށްދޭން ކުރެވިދާނެ 3 ކަމެކެވެ.
- އަލަފް / މިއަދުނޫސް