ކައިވެނީގެ ކުރިން ފާފަ ކުރެވިފައިވާ މީހުންގެ ކައިވެނީގަ ބަރަކާތް ލެއްވެވުން އެދޭނަމަ ކުރެވިފައިވާ ފާފަތަކަށް ދެމީހުންވެސް ތައުބާވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކައިވެނީގެ ކުރިން ފާފަ ކުރެވިފައިވާ މީހުންގެ ކައިވެނީގަ ބަރަކާތް ލެއްވެވުން އެދޭނަމަ ކުރެވިފައިވާ ފާފަތަކަށް ދެމީހުންވެސް ތައުބާވާށެވެ!

އެމީހުން ބުނާގޮތުން ކައިވެނިކުރަނީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން ދެމީހުން ވަރަށް ލޯބިން އެކުގައި އުޅުމަށްފަހުގައެވެ. ކޮންމެ ދެމީހަކުވެސް ބަލަނީ ވީހާބޮޑު ކައިވެނި ޙަފްލާއެއްވެސް ބޭއްވޭތޯއެވެ؟ ވީހާ ގިނަ ބައަކަށް ދަޢުވަތު ދޭންވެސް ބޭނުންވެއެވެ.  

އެކަމަކު ކުޑަ ދުވަސްކޮޅެއް ފަހުން ފިނިގެންދަނީ މަދު އެކުވެރިންކޮޅަކާއިއެކު "ވަރި ޕާޓީ" ބާއްވައި ކައިވެނި ރޫޅުނީތީ އުފާކުރާތަނެވެ. އަނެއް ދުވަހު ފެންނަނީ ކައިވެނި ރޫޅުނުކަމާއިމެދު ހިތާމަކުރަން ބިމަށް ތުންހަރައިގެން އިންނަ ތަނެވެ. ތިބޭތަނެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟

މިވާގޮތަކާއިމެދު ވިސްނާލަމާ ހިނގާށެވެ!  

ފުރަތަމަ ކަމަކީ ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރުމުގެ ހުއްދަ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ނަމަވެސް އިންތަކެއްގެ ތެރެއިންނެވެ. ޝަރުޠުތަކެއް ފުރިހަމަވާ ގޮތަށެވެ. އެކަންކަން ސުންނަތުން ފެންނަން އެބައޮތެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ދީންވެރިކަން، ތަޤްވާވެރިކަން އެންމެ ކުރިއަށް ނެރުމެވެ. ދީންވެރިކަމާ ތަޤްވާވެރިކަމަށް އިސްކަން ދިނުމެވެ.  

ހަމައެއާއިއެކު ކައިވެނިކުރުމުން ކުރަން ދެމީހުންނަށް ހުއްދަވާ ކަންކަން ކައިވެނީގެ ކުރިން ނުކުރުމެވެ. އެހެނީ ކައިވެނިކުރުމުން ކުރުން ހުއްދަވާ ކަންކަން ކައިވެނިނުކޮށް ކުރާނަމަ އެކުރެވެނީ ޙަރާމް ކަންކަމެވެ. ޙަރާމް ކަންކަން ކުރުމުން ކައިވެނީގެ ބަރަކާތް ކެނޑިގެންދެއެވެ.  

އެކުވެރިންނޭވެ! ކައިވެނީގެ ކުރިން އެއްވެސް ފާފައެއް ކުރެވިފައިވާނަމަ ކައިވެނިކުރުމުގެ ކުރިން ދެމީހުންވެސް ތައުބާވާށެވެ. ކުރިން ތައުބާ ނުވެވުނުނަމަ ފަހުން ނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ! ތައުބާވުމަށްފަހު ކައިވެނީގައި ބަރަކާތް ލައްވަވައި ދެއްވެވުން އެދި ދުޢާކުރާށެވެ. އުފާވެރި ޒަވާޖީ ޙަޔާތެއް ދެއްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން