ކުރަން އުޅޭ ކަންކަން ކާމިޔާބުވުމަށް އެދިގެން ޢަމަލުކުރަން އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކުރަން އުޅޭ ކަންކަން ކާމިޔާބުވުމަށް އެދިގެން ޢަމަލުކުރަން އޮތް މަގު-

ތިމާގެ އަމިއްލަ ޢާއިލާގެ މީހުން ކަމުގައިވީނަމަވެސް އަދި އެކުވެރިން ކަމުގައިވީނަމަވެސް އެއްވެސް މީހަކު ތިމާއާއިމެދު ދެކެފާނެ ގޮތަކާއިމެދު ނުވަތަ ބުނެފާނެ ބަހަކާއިމެދު ކަންބޮޑުވެވޭނަމަ އެމީހަކަށް ކުރިއަރައިދިއުން ފަސޭހަކަމަކަށް ނުވާނެއެވެ. އެމީހަކު ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލްކުރަން ހުރަސްތަކެއް ހުންނާނެއެވެ. 

ރަނގަޅަށް ވިސްނާށެވެ. ކުރިއަރައިދާން ބޭނުންވާނަމަ ބަލަން އޮތީ ހަމައެންމެ ކަމެކެވެ. ކުރެވެން މިއުޅެނީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަމެއްކަމެވެ. އެކަމަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއް ކަމުގައިވާނަމަ ދެން އޮންނާނީ އިސްތިޚާރާކުރުމެވެ. އިސްތިޚާރާ ކުރުމުން އެކަމަކާއިގެން ކުރިއަށްދާން ވިސްނި، ކުރިއަށްދާން މަގުފަހިވެއްޖެނަމަ އެއްވެސް މީހަކު ދެކެފާނެ ގޮތަކާއިމެދު ނުވަތަ ބުނެފާނެ އެއްޗަކާއިމެދު ކަންބޮޑުވުމެއް ނެތެވެ. އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމާއިއެކު ކުރިއަށްދާން މަސައްކަތްކުރުމެވެ. 

މިއަދު ގިނަބައަކަށް ކުރިއަށް ނުދެވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ މިކަންކަން އޮޅުވައިލުމެވެ. އިސްތިޚާރާކުރުމުގެ ބަދަލުގައި އެހެން މީހުންނަށް ބެލޭތީއެވެ. އަދި ތިމާއަށް ވިސްނޭނީ އެންމެ މޮޅު ގޮތަށް ކަމުގައި ވިސްނޭތީއެވެ. 

ރަނގަޅަށް ވިސްނައި ހަނދާނުގައި ބަހައްޓާށެވެ! އަހުރެމެންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތާއި ކަންކަންވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ފުރަތަމަ ކަމަކަށް އިސްތިޚާރާ ކުރަންޖެހެނީ އެހެންވެގެންނެވެ. 

އިސްތިޚާރާ ކުރުމަށްފަހު އަވަސްރައުވާލައިގެންނުވާނެއެވެ. ކެތްތެރިވެލަންވާނެއެވެ. ވިސްނުމަށް އަންނަ ގޮތަކާއިމެދުވެސް ވިސްނައިލަން ޖެހޭނެއެވެ. އެންމެ ރަނގަޅު ވިސްނުން ލިބޭނީ ކެތްތެރިވެލައިގެންނެވެ. ހަމައެއާއިއެކު ކޮންމެ ކަމެއް ނަމަވެސް ފަށަންވާނީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެންނެވެ. އެކަމެއްގައި ބަރަކާތް ލެއްވެވުން އެދި ދުޢާކުރަމުން ގެންދަންވާނެއެވެ. އަދި އެކަމެއްގައި ޘާބިތުވެ ހުންނަން މަސައްކަތްކުރަންވާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން