މިފަށަނީ ދިވެހީންގެ ކެރުމާއި، ޢަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫޢު!: ރައީސް ޑރ.މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މިފަށަނީ ދިވެހީންގެ ކެރުމާއި، ޢަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫޢު!: ރައީސް ޑރ.މުޢިއްޒު

މިފަށްޓަވަނީ ދިވެހި އުންމަތް އޭގެ ޙަޤީޤީ ބަނދަރާ ދިމާޔަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރުކަމަށާއި މިއީ، ދިވެހިވަންތަ ޤައުމީ ޝަޚްޞިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ.   

ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުން؛

ވަރަށް ޔަޤީންކަމާއެކު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވައިލަން. އަޅުގަނޑުމެންމި ފަށަނީ ދިވެހި އުންމަތް އޭގެ ޙަޤީޤީ ބަނދަރާ ދިމާޔަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރު. މިއީ، ދިވެހިވަންތަ ޤައުމީ ޝަޚްޞިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް. 

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެއީ ދިވެހި ކޮންމެ ކުޑަކުއްޖަކަށް އަދި ކޮންމެ ޒުވާނަކަށް ލިބެންޖެހޭ ޤައުމީ ޙައްޤެއް. ދިވެހި ތާރީޚު އެނގުމުގެ ޙައްޤުން އެ ކުދީން މަޙުރޫމު ކުރެވިގެން ނުވާނެ. ދިވެހިރާއްޖޭގެ ޖިއޮގްރަފީ އެނގުމުގެ ޙައްޤު، ދިވެހި ކިޔަވާކުދިންގެ ކިބައިން ނިގުޅައިގަނެވިގެނެއް ނުވާނެ.

4000 އަހަރުވި މިނިވަން ދިވެހިރާއްޖޭގެ ފަޚުރުވެރި ދިވެހި ޙަޟާރަތާއި އަސްލުތައް ދަސްކޮށް، އެކަންކަމުން އިލްހާމު ލިބިގެން، ދިވެހި ޤައުމަށް ހެޔޮއެދި، މުރާލި ހިންމަތްތެރިޔަކަށްވުމުގެ ފުރުޞަތު، ދިވެހި ކޮންމެ ކިޔަވާ ކުއްޖަކަށް ލިބެންޖެހޭނެ. 

މި ޙައްޤުތަކާއި ފުރުޞަތުތަކާއި، ފަޚުރުވެރި އަސަރުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް އަޅުގަނޑުމެން މި ފަށަނީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫޢު. މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫޢު. ދިވެހީންގެ ކެރުމާއި، ޢަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫޢު. ދިވެހީން، ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫޢުން ދިވެހި ދަރީންގެ ނަފުސާނީ، ރޫޙާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނަން. ދަރީން ހެޔޮގޮތުގައި ބޮޑުކުރަން، މައިންބަފައިން ރެޔާއިދުވާލު އެ ވާ ޤުރުބާނީގެ މައްޗަށް ތަސައްލީއެއް، އެ މައިންބަފައިންގެ އުންމީދުން ފުރިފައިވާ ހިތްތަކަށް ހޯދައިދޭނަން.

- ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން

 

މިއަދު އޮންލައިން