އަޅުގަނޑަކީ ކުރިން ގެއިން ބޭރަށް ނުކުމެ އުޅުނު އަންހެނަކީމެއް ނޫނެވެ. ނަމަވެސް ކައިވެނި ރޫޅުމުން ލިބުނު ހިތްދަތިކަމުން އަރައިނުގަނެވުމުން ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމުން ބޭސްދީފައި ދެން އުޅެން ބުނި ގޮތަށް އުޅެންހަދައިގެން މިހާރު ގޭގައި މަޑުވާހިތެއް ނުވެއެވެ. އަބަދުވެސް އިނދެވެނީ ކޮފީއަކަށް ދާން ކޮންމެވެސް މީހަކު ގުޅާނެ ކަމުގެ އިންތިޒާރުގައެވެ.
ނަމަވެސް މިއީ އަޅުގަނޑު އުލެން ބޭނުންވާ ގޮތެއް ނޫނެވެ. އެކަމަކުވެސް މިއުޅެނީ މިޙާލަތުން އަރައިނުގަނެވިގެންނެވެ. މިހާރު މިވަނީ މިހާރު ކުރިމަތިވެފައިވާ ޙާލަތުން އަރައިގަންނަން ފަރުވާކުރަން ޖެހިފައެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟
ކިޔުންތެރިޔާއަށްވެސް ކަންކަން ތިއަ ދިމާވީ ގިނަ ބައަކަށް ކަންކަން ދިމާވާ ގޮތަށެވެ. ކުރިން ޖެހުނު ޙާލަށްވުރެ ގޭގައި މަޑުވާން ބޭނުންނުވާ ބަލި ޖެހުމުން ލިބޭ ދެރަ މާބޮޑެވެ. ލިބޭ ހިތްދަތިކަންވެސް މާބޮޑެވެ. ތިރީގައި އެވަނީ ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ
ކޮންމެ އިންސާނަކަށްވެސް ހިތްދަތިކަމާ މުޞީބާތްތައް ކުރިމަތިވާނެއެވެ. ނަމަވެސް އެމީހެއްގެ ހިތް، ﷲ ތަޢާލާ އިން ފުރާލާފައިވާ މީހަކު މިކިޔާ މާޔޫސް ބަލި ނުޖެހޭނެއެވެ.
މިބަހުގެ މާނައަކީ ފުރިހަމަ ގޮތުގައި އީމާންވެ ހެޔޮ ޢަމަލުތައް ކުރާ މީހާގެ ޙަޔާތުގެ ދަތުރުގައި ރާޅުތަކާއި ކޮޅިގަނޑުތަކާއިވެސް ކުރިމަތިވާނެއެވެ. ދަތުރުގެ ކޮންމެ ދުވަހަކީ އަމާން ދުވަހަކަށް ނުވެދާނެއެވެ. ނަމަވެސް ޔަޤީންކުރަންވީ ކަމަކީ އޮޑި ފެތިގެން އަޑިއަށް ނުދާނެކަމެވެ. އެޙާލަތުން ސަލާމަތްކުރައްވަވާނެ ކަމެވެ.
ޙާލަތު މިދަނީ ބަދަލުވަމުންނެވެ. ކިރިޔާ ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ކުރިމަތިވިނަމަވެސް މާޔޫސް ބައްޔަށް އެބަދެއެވެ. މަސްތުވާތަކެތި ބޭނުންކުރުމާ ބަނގުރާ ބުއިމާއި ފާހިޝް އަމަލުތައް ކުރުން ފަދަ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެތައް ބައިވަރު ފާފަތައް އެބަ ކުރެއެވެ. މީގެ އިތުރުން ކައިވެނި އެބަ ރޫޅާލައެވެ.
މިބުނާ ބަސް ނިކަން ރަނގަޅަށް އަޑުއަހާށެވެ! ހިތްދަތިވެ ނުވަތަ ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވުމުން މާޔޫސްބަލި ބަހަނާއަކަށް ދައްކައިގެން ﷲ ތައާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރި އެއްވެސް މީހަކަށް އޭނާ އެބުނާ މާޔޫސްބަލިން ޙަޤީޤީ ޝިފާއެއް ލިބިފައިވާހެއްޔެވެ؟ ޙަޤީޤީ ޝިފާއަކަށްވެފައި އޮންނަނީ ތަޤްވާވެރިވުން އިތުރުކޮށް އަޅުކަންކުރުން އިތުރުކުރުން ނޫން ހެއްޔެވެ؟
މިކިޔައިދެނީ ދާދިފަހުން ހިނގިކަމެކެވެ. މާޔޫސްބަލިން އަރައިގަތުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ޑރ. ބަޔާންކުރި އެއްކަމަކީ ވީހާ ގިނައިން ރައްޓެހިންނާ ވާހަކަދެއްކުމެވެ. ރެސްޓޯރަންޓްތަކަށް ދިއުމެވެ. ދަތުރު ދިއުމެވެ. މިކިޔައިދެނީ އަހަރެންގެ ވަރަށްގާތް އަޚެއްގެ ކުރީގެ އަނބިމީހާ އަށް ލިޔެދިން ފަރުވާގެ ވާހަކައެވެ. މިމަޖިލީހުގައިވެސް އޭނާ އެނގޭނެ މީހުން ތިބޭނެއެވެ. ނިކަން ގޮސް ސުވާލުކޮށްބަލާށެވެ! އެގޮތަށް ވާހަކަދެއްކުމުން ލިބުނީ ކޮން އެއްޗެއްތޯއެވެ؟
އޭނާ ޖަވާބު ނުދީފިނަމަ އޭނާގެ ބަނޑަށް ބަލައިލާށެވެ! ފެންނާނެއެވެ. މިބުނަނީ އެއްވެސް ޙާލެއްގައި ރޯގާ ޖެހުމުން ބާމު ނުއުގުޅާ ވާހަކަ ނުވަތަ ޕެރަސެޓަމޯލް ގުޅައެއް ނުކާވާހަކައެއް ނޫނެވެ. ނަމަވެސް މާޔޫސް ބަލިފަދަ ބަލިތައް ޖެހިއްޖެކަމަށް ޤަބޫލުކުރާނަމަ އަޅުކަންކުރުން އިތުރުކުރުމާއި ތަޤްވާވެރިކަން އިތުރުކުރުމާއި ދުޢާކުރުމުން ޝިފާ ލިބިގަންނަން މަސައްކަތްކުރުމުގެ މުހިންމުކަން ބޮޑުކަމުގެ ވާހަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން