ތިމާއަށް ކިތަންމެ ކުޑަ ނަމަވެސް ހެޔޮކަމެއް ކުރެވިއްޖެނަމަ ﷲ ތަޢާލާއަށް ޙަމްދުކޮށް ޝުކުރުވެރިވެ ޙަމްދުކުރަން އަވަސްވެގަންނަން ޖެހޭނެއެވެ. އެހެނީ އެކަން ކުރުމަށް ތިބާއަށް ވިސްނުން ލިބުނީ ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުންނެވެ.
ނުބައި ޢަމަލުތައް ކުރެވުން ގިނަވެގެން އެދަނީ އެމީހާ ކުރާ ނުބައި ޢަމަލުތަކުގެ ސަބަބުން ﷲ ތަޢާލާ އެމީހަކަށް ފަރުދާވެވޮޑިގަންނަވާތީއެވެ. އެޙާލަތުގައި މިކުރެވެނީ ނުބައިކަމެއް ކަމަށް އެމީހަކަށް ނުވިސްނޭނެއެވެ. އަދި ނުބައި ކަންކަން ކުރަން ބިރެއްވެސް ނުގަންނާނެއެވެ.
ވީމާ ކިތަންމެ ކުޑަ ނަމަވެސް ނުބައި ކަންކަން ނުކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ފުރަތަމަ ކުރެވޭނީ ކުދިކުދި ފާފަތަކެވެ. އެކަމުގައި ދެމިހުރެއްޖެނަމަ ބޮޑެތި ފާފަތައް ކުރަން ޖެހިލުންވުން ކުޑަވެ ބޮޑެތި ފާފަތައް ކުރެވެން ފަށާނެއެވެ.
ދޮގުބުނުން އާދަވަނީވެސް އެފަދަ ގޮތަކަށެވެ. ފުރަތަމަ ދޮގުބުނަން ފެށޭނީ ކުދިކުދި ކަންކަމުގައެވެ. ދުވަސްކޮޅަކުން ބޮޑެތި ކަންކަމުގައިވެސް ދޮގުބުނަން ފެށޭނެއެވެ. ބޮޑެތި ދޮގުތައް ހެދެން ފެށޭނެއެވެ. އެހިސާބުން ވައްކަންކުރުމާއި މަކަރުހެދުމަކީ އާދައަކަށްވެގެން ހިނގައިދާނެއެވެ. އެއްވެސް ބިރެއް ނެތި އެކަންކަން ކުރެވެން ފަށައިފާނެއެވެ.
ކުރެވޭ ފާފައިގެ ކުޑަމިނަށް ނުބަލަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ހަމައެއީއެވެ. މިކުރެވެނީ ކުޑަކުޑަ ފާފައެއް ކަމަށް ދެކެގެން ފާފަކުރަން ފަށައިފިނަމަ ދުވަސްކޮޅަކުން ބޮޑެތި ފާފަތައް ކުރަން ބިރުވެތިނުވެވޭނެތީއެވެ.
އަހުރެމެންނަށް އޮތީ ކުރާ ކޮންމެ ޢަމަލަކީވެސް ހެޔޮ ޢަމަލަކަށް ހެދުމެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ޢަމަލެއްކަން ޔަޤީންކުރާނަމަ އެމީހަކަށް އަބަދުވެސް ކުރެވޭނީ ހެޔޮ ޢަމަލުތަކެވެ. ނުބައި އެއްވެސް ޢަމަލެއް ނުކުރެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން