ޢިބްރަތްތެރި ވާހަކަ: މިޒަމާނަށް ފެތެން ނުފަތައި ފައިޖެހޭ ހިސާބުގަ ޘާބިތުވެލީމާ ބަރާބަރު ބައިވެރިޔާ ފަތާފައި ގާތަށް އަންނާނެކަން ތަޖުރިބާކުރި އަނހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
ޢިބްރަތްތެރި ވާހަކަ: މިޒަމާނަށް ފެތެން ނުފަތައި ފައިޖެހޭ ހިސާބުގަ ޘާބިތުވެލީމާ ބަރާބަރު ބައިވެރިޔާ ފަތާފައި ގާތަށް އަންނާނެކަން ތަޖުރިބާކުރި އަނހެނެއްގެ ވާހަކަ-

އަހުރެން އެމީހަކާ ވަރަށް ގިނަ ގޮތްގޮތުން ގަޔާވާ ޒުވާނަކު ދިން ދަޢުވަތަކަށް ރެސްޓޯރަންޓަކަށް ކާން ދިޔައިމެވެ. ކެއުމުގެ ތެރޭގައި އެކިފަހަރުމަތިން އެކި ގޮތްގޮތަށް އޭނާ އަހުރެންނަށް ހުށަހެޅީ އެކަހެރި ބައްދަލުވުމަކަށެވެ. އަހުރެންނަށް ފަސޭހަ ދުވަހަކު ރިޒޯޓަކަށް ޗުއްޓީއެއް ހޭދަކޮށްލަން ގޮސްލުމަށެވެ. 

އަހުރެން އޭނާ އާއި ކިތަންމެ ބޮޑަށް ގަޔާވިނަމަވެސް އެކަންކަމަށް އަހުރެން ދެކޮޅު ހެދީމެވެ. ބުނީމެވެ. "މިދަޢުވަތުވެސް މިޤަބޫލުކުރީ މިތަނުގައި 2 މީހުން އެކަނި ނުވާނެތީއެވެ. ކިތަންމެ ކުޑަކުޑަ ވަޤުތުކޮޅަކަށް ނަމަވެސް އެކަހެރިވާކަށް ބޭނުމެއް ނޫނެވެ. އެކަމެއް ނުކުރާނަމެވެ." 

އޭނާ ބުނީ އެއްވެސް ގޯސްކަމެއް ނުކުރާނެ ކަމަށެވެ. އަހުރެން ބުނީ އެފަދަ ޙާލަތެއްގައި ގޯސްކަމެއް ކުރަން އިސްނެގޭނީ އަހުރެންނަށް ކަމަށްވެދާނެ ކަމަށްޓަކައި އަދި މާބޮޑަށް ބިރުގަންނަ ކަމަށެވެ. ބުނީމެވެ. "އެކަހެރިކޮށް ބައްދަލުކުރަން ބޭނުންނަމަ އަހުރެން ދެކެ ޙަޤީޤީ ލޯބިވާށެވެ! ހަޤީޤީ ލޯބިވާނަމަ އަހުރެންގެ މައިންބަފައިންނާއި ބައްދަލުކޮށް އަހުރެންގެ ކައިވެންޏަށް އެދޭށެވެ. ކައިވެނިކޮށްފިނަމަ ކޮޓަރިން ނުނުކުމެ އަބަދު އެކުގައި އޮވެދާނަމެވެ." 

އޭނާ ބުނީ އަހުރެންނަކީ މިޒަމާނަށް ފެތޭ އަންހެނެއް ނޫން ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "މިޒަމާނަށް ފެތޭކަށް ބޭނުމެއް ނޫނެވެ. މިޒަމާނަށް ފެތެންވެގެން ތިއަބުނާ މިޒަމާނުގެ ކަނޑުގައި ފަތަން ފަށައިފިނަމަ ނަރަކަ ވަރަށް ކައިރިވާނެއެވެ. އިން ޝާ ﷲ ނަރަކައަކަށް ނުވަންނާނަމެވެ!" 

ކޮންމެއަކަސް ދެމީހުން ވަކިވީ އަލުން ބައްދަލުނުކުރެވޭނެކަން އެނގިތިބެއެވެ. އެކަމާ ކުޑަކޮށް ދެރަވެސް ވިއެވެ. ނަމަވެސް މާބޮޑަށް އުފާވެރިކަން ލިބުނެވެ. އެއީ ޝައިޠޯނާ ޖެހި ދަންތުރައިން ސަލާމަތްވެވުނީތީއެވެ. އެހެންވެ ގެއަށްދާން ސައިކަލަށް އެރީ ﷲ އަށް ޙަމްދުކުރަމުންނެވެ. 

އެއިގެ ފަހުން 2 ވަނައަށް އޮތް ދުވަހެވެ. ނުދަންނަ ނަންބަރަކުން ޒުވާނަކު ގުޅާފައި ބުނީ ބައްދަލުކޮށްލަން ބޭނުން ކަމަށެވެ. މުހިންމު ވާހަކައެއް ދައްކާލަން ކަމަށް ބުނުމުން ގެއަށް އަންނަން ދަޢުވަތުދިނީމެވެ. 

އޭނާ ގެއަށް އައީ އެރެއެވެ. ސިޓިންގ ރޫމްގައި ތިބެ އެކަކު އަނެކަކަށް ތަޢާރަފްވުމަށްފަހު އޭނާގެ ބިޒްނަސް ކާޑު ދިނެވެ. ބަލައިލިއިރު ޓްރެވަލް އެޖެންސީއެއް ހިންގާ ޒުވާނެކެވެ. އޭނާ ބުނީ ކުރީރޭ އަޅުގަނޑާއި އެކުވެރިޔާ އާއި ދެމެދުގައި ދެކެވުނު ވާހަކަތައް ޖެހިގެން ހުރި މޭޒުގައި އިނދެގެން އަޑުއެހިކަމަށެވެ. އަދި މިއައީ އަހުރެން އެރޭ ބުނި ފަދައިން ޙަޤީޤީ ލޯބިވެގެން އަހުރެންގެ ރުހުން ހޯދަން ކަމަށެވެ. އަހުރެން ރުހިއްޖެ ނަމަ މައިންބަފައިންގެ ރުހުން ހޯދަން ކަމަށެވެ. މައިންބަފައިންގެ ރުހުން ލިބިއްޖެނަމަ ކައިވެނިކުރަން ތައްޔާރަށް ހުރިކަމަށެވެ. 

ވިސްނާލަން 2،3 ދުވަސް ދިނުމަށް އެދުނީމެވެ. މަންމަ ޢާއި ޥާހަކަދައްކައިލުމުން ބުންޏެވެ. "ދަރިފުޅާއެވެ! ތިއަވާނީ ދަރިފުޅަށްޓަކައި ﷲ ފޮނުއްވެވި މީހަކު ކަމަށެވެ. ދަރިފުޅަށް ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދި ކޮންމެ ނަމާދަކަށްފަހު ދުޢާކުރަމެވެ. ވީމާ ބައްޕަލައްވައި އޭނާގެ ތަްްވާވެރިކަން ހުރި މިންވަރެއް ނިކަން ބަލައިލަބަލާށެވެ! ފާސްވެއްޖެނަމަ އަވަހަށް ކައިވެނިކުރާށެވެ! ލޯބި އުފެއްދުން އޮތީ ކައިވެންޏަށްފަހުގައެވެ. ﷲ ގެ ރަހްމަތް އިތުރުވެ ކައިވެނީގައި ބަރަކާތް ލައްވަވާނީ އެއިރުންނެވެ." 

ކޮންމެއަކަށް ބައްޕަ އަނެއް ދުވަހު އޭނާގެ އޮފީހަށް ގޮސް ބައްޕަ ބަލަން ހުރި ކަންކަން ބެލުމަށްފަހު ކައިވެނިކުރުމަށް ބުނުމުން ކައިވެނިކުރީއެވެ. އެކައިވެނީގައި މިހާރު 13 އަހަރުޥީއެވެ. 4 ދަރިން އެބަތިއްބެވެ. އަޅުގަނޑުގެ ފިރިމީހާއަށްވުރެ ވަކިން ރަނގަޅު ފިރިއަކު މަދުވާނެކަމަށް ބުނަން ކެރިދާނެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާ މިކުރީ އެންމެ ބޭނުމަކުއެވެ. ބުނަން މިޖެހެނީ އެކުވެރިއެއްގެ ވާހަކައެވެ. މިޒަމާނަށް ފެތެން މަސައްކަތްކުރާ އަޅުގަނޑުގެ އެކުވެރިޔާ މިހާރު 4 ވަނަ ކައިވެނިކޮށްފިއެވެ. އަދިވެސް ހަމަ ފަތަނީއެވެ. އެއްވެސް މަންޒިލެއްގައި ހަރެއް ނުލައެވެ. 

ވީމާ ބުނެލަން ބޭނުންވަނީ އެއްވެސް އަންހެންކުއްޖަކު މިޒަމާނަށް ފެތެން ނުފަތާށެވެ! ފައިޖެހޭ ހިސާބުގައި ޘާބިތުވެލާށެވެ. ބަރާބަރު ބައިވެރިޔާ ފަތާފައިވެސް ގާތަށް އަންނާނެއެވެ. އިން ޝާ ﷲ 

- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން