ފައިދާކުރާނީ އެހެން މީހުން ކުރާ ކުށްތަކުގެ ވާހަކަ ދެއްކުމަކުން ނޫން! ތިމާއާ އަހުލުވެރިންގެ ކަންކަން އިޞްލާޙްކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފައިދާކުރާނީ އެހެން މީހުން ކުރާ ކުށްތަކުގެ ވާހަކަ ދެއްކުމަކުން ނޫން! ތިމާއާ އަހުލުވެރިންގެ ކަންކަން އިޞްލާޙްކުރީމަ!

ކިތަންމެ ލޯބިވާ، ކިތަންމެ ގާތް މީހެއްގެ ކިބައިން ނަމަވެސް ނުބައިކަމެއް ފެނިއްޖެ ނަމަ އެކަން ކުށްވެރިކުރަން ޖެހޭނެއެވެ. އަމިއްލަ ގޭތެރެއިން ފެނުނު ނަމަވެސް މެއެވެ. ހިތާމައަކީ ގިނަ ބައަކު މިކަން ބަދަލުކޮށްފައިވާ ކަމެވެ. 

މުޖުތަމައުގައި ހުރި ނުރަނގަޅު ކަންކަން އިޞްލާޙްކުރަން އެދޭ މީހާ ފުރަތަމަ އަމިއްލަ ގޭތެރެ އިޞްލާޙްކުރަން މަސައްކަތްފަށާށެވެ! އެންމެ  ވާޖިބަކަށް އޮތީވެސް އަހުލުވެރިން އިޞްލާޙްކުރުމެވެ. 

އެހެން މީހުން ކުށް ކުރުމުން ގިނަ ބައަކު ކަންބޮޑުވެއެވެ. ނަމަވެސް ތިމާއަށް ކުރެވޭ ކުށްތަކާއިމެދު ކަންބޮޑުވަނީ މަދުމީހެކެވެ. ހަމައެއާއިއެކު މިހާރަކަށް އައިސް ގިނަ މީހުން ކުށްވެރިކުރަނީ އެމީހަކާއި ނުބެހޭ ނުވަތަ ދުރު މީހުންގެ ނުވަތަ އެމީހާ ނުރުހޭ މީހުންގެ ކަންކަމެވެ. އެމީހާ ރުހޭ މީހުން ކުރާކަންކަން ކުށްވެރިއެއް ނުކުރެއެވެ. 

އަމިއްލަ ޢާއިލާގެ މީހަކު ކިތަންމެ ބޮޑު ކުށެއް ކުރިނަމަވެސް އެކަން ކުށްވެރިކުރަން ބޭނުމެއް ނުވެއެވެ. އަޅައިވެސް ނުލައެވެ. އެހެން މީހަކު އެފަދަ ކަމެއްގެ ވާހަކަ ދެއްކި ނަމަވެސް ބުނެވެނީ އެއީ އޭނާގެ ވައްތަރުކަމަށެވެ. ނުވަތަ އޭނާއަށް އެކަންކަން ކުރެވެނީ މިވެނި މީހެއްގެ ސަބަބުން ކަމަށްބުނެ ކުށްވެރިކުރަން މަސައްކަތްކުރަނީ އެހެން މީހެކެވެ.

އެހެން ނުހަދާށެވެ! ފެންނަ ނުބައި ކަންކަން ކުށްވެރި ކުރުމުގައިވެސް ﷲ ތަޢާލާއަށް ތެދުވެރިވާށެވެ! އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވާށެވެ! ފެންނަ ނުބައި ކަންކަން ކުށްވެރި ކުރުމަކީ ވަކި މީހަކުގެ ކިބައިން ފެނުމުން ކުރަންޖެހޭނެ ކަމެއް ނޫނެވެ. ރަސޫލް () ވަނީ މިކަމުގައި އަމަލުކުރަންޖެހޭނެ ގޮތް ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

މުންކަރާތެއް ފެނިއްޖެ ނަމަ އެމީހެއްގެ ކިބައިގައި ކުޅަދާނަކަން ހުރި މިންވަރަކުން  އެކަމަށް ނުރުހުން ފައުޅުކޮށް އެކަން ހުއްޓުވަން މަސައްކަތްކުރަން ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އަތުން ދުލުން ނުވަތަ ހިތުން ނަމަވެސް އެކަމެއް ކުށްވެރިކޮށް ހުއްޓުވަން މަސައްކަތް ކުރުމަށް ވަނީ އަންގަވައިފައެވެ. 

އެމީހެއްގެ ލޮލަށް ފެންނަ ނުބައި ކަންކަން ކުށްވެރި ނުކުރާނަމަ އެމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އަދި އެކަން ކުށްވެރި ނުކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭ ކަމެކެވެ. 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން