ޢިބްރަތްތެރި ވާހަކަ: އަންހެނުން ފައިސާއަށް ވިކި އެކަކު އަނެކަކުގެ އުފާތައް ކަތިލަމުން ގެންދާއިރު މި ފަޤީރު ނިކަމެތި ނޯކަރުގެ ހުރި ވިސްނުން ހުންނާނެ ނަމައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޢިބްރަތްތެރި ވާހަކަ: އަންހެނުން ފައިސާއަށް ވިކި އެކަކު އަނެކަކުގެ އުފާތައް ކަތިލަމުން ގެންދާއިރު މި ފަޤީރު ނިކަމެތި ނޯކަރުގެ ހުރި ވިސްނުން ހުންނާނެ ނަމައެވެ!

އިންސާނުންގެ ދިރިއުޅުން އުފާވެރި ކުރެވޭނީ އެކަކު އަނެކަކަށް ތެދުވެރިވެގެންނެވެ. އަނެކާގެ އުފާވެރި ދިރިއުޅުން ޖަހައިގަންނަން މަސައްކަތް ނުކުރުމުންނެވެ. އުފަލުގައި ދިރިއުޅެން އަނެކުންނަށް އެހީތެރިވެދީގެންނެވެ. 

ތިރީގައިވާ ވާހަކައަކީ ކުރުނަމަވެސް މިގޮތުން ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.

ލީސާއަކީ ގޭގެ ނޯކަރެވެ. އެއްދުވަހަކު ސިޓިންގ ރޫމްގައި އަޑުގަދަވެގެން ބަލައިލިއިރު ބޮސް މެޑަމަށް އަނިޔާކުރަނީއެވެ. ލީސާ ފިލައިހުރެ މަންޒަރު ވީޑިއޯކޮށްލިއެވެ. ބޮސްއަށް އެކަން ޝައްކުވެގެން އެވާހަކަ ނުދައްކަން ރިޝަވަތުގެ ގޮތުގައި 100 ޑޮލަރާއި މޯބައިލް ފޯނެއް ދިނެވެ. ނުހިފަން ހުރެފައިވެސް ތަކުރާރުކޮށް ބުނުމުން އޭގައި ހިފިއެވެ. 

އަނެއް ދުވަހު ހެނދުނު ފެނުނީ ފުލުހުން ކުއްލިއަކަށް ގެއަށް ވަންތަނެވެ. އަދި ބުނީ ގެވެށިއަނިޔާގެ ކުށުގައި ބޮސް ހައްޔަރުކުރަނީ ކަމަށެވެ. އެކަން މެދުވެރިއެވީ ލީސާގެފުށުންކަން އެނގޭތީ ބޮސް ފުންމައިގެން ލީސާ އާއި ދިމާއަށް ދިއައެވެ. އަދި ރުޅިއައިސްފައި ހުރިވަރުން ފައިސާގައި ހިފާފައި އަނބިމީހާ ގާތު ބުނީކަމަށްބުނެވުނެވެ. 

އެވަގުތު ފުލުހުން ބޮސް ހައްޔަރުކޮށްގެން ގެންގޮސްފިއެވެ. ފުލުހުން ނުކުމެގެން ދިއުމުން މެޑަމް ވަރަށް ކަންބޮޑުވެފައި މިވީ ކިހިނެއްތޯ ލީސާ އާއި ސުވާލުކުރުމުން ކިޔައިދިނެވެ. "އިއްޔެ ބޮސް މެޑަމަށް އަނިޔާކުރިތަން އަހަރެން ވީޑިއޯކުރީމެވެ. އެކަން ބޮސްއަކަށް ނޭނގޭނެއެވެ. ނަމަވެސް އަހަރެންނަށް ފެނުނުކަން އެނގިގެން އެވާހަކަ ނުދައްކަން ރިޝްވަތުގެ ގޮތުގައި 100 ޑޮލަރާއި ފޯނެއް ދިނެވެ. އެ މިއޮތީއެވެ. މެޑަމަށެވެ. 

އަހަރެން ހެދިގޮތަކީ ހަވީރު މަސައްކަތް ނިންމާފައި ގެއަށް ދަމުން ފުލުހުންނަށް އެ ވީޑިއޯ ދިނީއެވެ. އެއީ މެޑަމަށް އަނިޔާކުރަން އިތުރުފުރުޞަތެއް ނުދޭންވެގެންނެވެ. މެދަމްގާތު ނުބުނީ މެޑަމް ބޮސް ދެކެ ލޯބިވާވަރުން އެކަން ހުއްޓުވައިފާނެތީއެވެ." 

މެޑަމް ޙައިރާންވިއެވެ. އެހައި ފަޤީރު ޙާލުގައިވެސް އެހައި ބައިވަރު ފައިސާ ލިބުމުން ބޭނުން ނުކުރީތީއެވެ! އަދި ލީސާއަށް އޮތް ޤަދަރުވެސް އިންތިހާއަށް އުފުލުނެވެ. ފިރިމީހާގެ އަނިޔާވެރިކަމުން އޭނާ ސަލާމަތްކޮށްދިނީތީއެވެ. 

"ތިއަ ފައިސާވެސް ފޯނުވެސް ތިބާއަށެވެ، މިހާރު ތިއައީ އަހަރެންގެ ނޯކަރެއް ނޫނެވެ. އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން އުޚުތެވެ. އަދި މާބޮޑެތި އިނާމުވެސް ދޭނަމެވެ." 

މިއީ ސޯޝަލް މީޑިއާއިން ފެނުނު ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާ ޙިއްޞާކޮށްލީ ވަރަށް ބޮޑުވާހަކައެއް ބުނަންވެގެންނެވެ. އެއީ އަހަރެމެން އަންހެނުން ފައިސާއަށް ވިކި އެކަކު އަނެކަކުގެ އުފާތައް ކަތިލަމުން ގެންދާއިރު އެ ފަޤީރު ނިކަމެތި ނޯކަރުގެ ހުރި ވިސްނުން ހުންނާނެ ނަމައެވެ އަޅުގަނޑުގެ ހިތަށް އަރާވާހަކައެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ އަންހެނުންނަށް ލިބެމުން މިދާ އަނިޔާތައް ހުއްޓުވޭނީ އެކަމުގެ ސަބަބަކަށް އަންހެނުން ނުވެގެންކަމަށެވެ. ކއިވެނި ރޫޅުން މަދުކުރެވޭނީވެސް އެގޮތުން ކަމަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ޚިޔާލަކީ ކޮބައިތޯއެވެ؟ 

- ރަޝީދާ ސަލީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން