ތަނަވަސްކަން އިތުރުނުވާތީ ކަންބޮޑުވާ މީހުންގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ތަނަވަސްކަން އިތުރުނުވާތީ ކަންބޮޑުވާ މީހުންގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ކިހިނެއްތަ؟

ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޮޑު ތަނަވަސްކަމެއް އެމީހަކަށް ލިބިފައި ނެތުމެވެ. އެކަމާއި ވިސްނަން ހަދައިގެން އެމީހަކަށް ނުވާ އުނދަގުލެއްވެސް އޮންނަ ކަމަކަށް ނުވެއެވެ. ހިތުގެ ނުތަނަވަސްކަން ފިލައިގެންދާ ވަޤުތުކޮޅެއްވެސް އޮންނަ ކަމަކަށް ނުވެއެވެ. 

އެހެންވެ ކުޑަކުޑަ މިޘާލެއް ބުނެލައިދޭނަމެވެ. 

ކުރިން މިބުނި ފަދަ ބޮޑު ނުތަނަވަސްކަމެއްގައި ހުއްޓައި މީހަކު ތިބާއަށް ބޮޑު ޢަދަދެއްގެ ޗެކެއް ދިނީއެވެ. ތިބާގެ އެކައުންޓަށް ޖަމާކުރަން ދިއުމުން ބޭންކުން ބުނީ ޗެކްގައިވާ ޢަދަދު ބޮޑުކަމުން އެކައުންޓަށް ފައިސާ ޖަމާކުރަން 10 ވަރަކަށް ދުވަސް ނަގާނެ ކަމަށެވެ. ތިބާގެ ޗެކް ބޭންކާއި ޙަވާލުކޮށްފައި ނުކުމެގެން އައީއެވެ. 

ތިބާގެ އަތަށް އަދި އެންމެ ޑޮލަރެއްވެސް ނުލިބެއެވެ. ނަމަވެސް އެހިސާބުން ތިބާ ހުންނާނީ އުފަލުން ފުރިގެންނެވެ. ހިތްހަމަޖެހިގެންނެވެ. ހުރިހާ ކަންބޮޑުވުންތަކެއް ވާނީ ފިލައިފައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ 10 ދުވަސް ފަހުން ނަމަވެސް ތިބާއަށް ފައިސާތައް ލިބި ތަނަވަސްކަން އިތުރުވެގެންދާނެތީއެވެ.   

ޙަޤީޤީ މައްސަލައަށް އެނބުރިލާނަމެވެ. ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ ޙަލާލް ގޮތުގައި މަސައްކަތްކޮށް އާމްދަނީ އިތުރުކުރަން މަސައްކަތްކުރުމަށެވެ. އެމީހަކަށް އިރާދަކުރައްވަވާ ވަރަކަށް ތަނަވަސްކަން ދެއްވަވާނެ ކަމަށެވެ. ދެއްވަވާ މިންވަރަށް ފުދިގެން އުޅުމަށެވެ. މަދުވެގެން ކަންބޮޑުނުވުމަށެވެ. 

އެކަމަކު މިވަނީ ކިހިނަކުން ހެއްޔެވެ؟ ﷲ ތަޢާލާގެ ބަސްފުޅަށް އިތުބާރެއް ނުކުރެވެއެވެ. ދެއްވަވާ މިންވަރަށް ރުހެވޭ ކަމަކަށް ނުވެއެވެ. ހަމަ އިތުރަށް ބޭނުންވަނީއެވެ. ނުލިބި ލަސްވާތީ ކަންބޮޑުވެވެނީއެވެ. 

އެމީހާ ދިން ޗެކަށް އެނބުރިލާނަމެވެ. އެޗެކަށް ފައިސާ ނުލިބިވެސް ހިނގައިދާނެއެވެ. ލިބެންދެން އެއްވެސް ޔަޤީންކަމެއް ނެތެވެ. އެކަމަކުވެސް ޗެކެއް ލިބުނިތީ ހުރީ ހިތްހަމަޖެހިގެންނެވެ. ދެން ބަލައިލަންވީ ﷲ ތަޢާލާ ދެއްވަވާ މިންވަރަށެވެ. ފެށުނީންސުރެ އިރާދަކުރައްވަވާ މިންވަރަކަށް ތިމާއަށް އެބަ ދެއްވަވައެވެ. އަދި މިތިބެނީވެސް ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ. އެކަމަކުވެސް އިތުބާރެއް ނުކުރެވެއެވެ. ޝުކުރުވެރިއެއް ނުވެވެއެވެ. ހިތްހަމަޖެހުން ލިބޭކަމަކަށްވެސް ނުވެއެވެ. 

ދެން ނިކަން ބުނެބަލާށެވެ! ޙައްލަކީ ކޮބައިހެއްޔެވެ؟ އުފާވެރިކަމުގައި ހުރެދިރިއުޅެވެން އޮތް ހަމައެކަނި ގޮތަކީ ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ޝުކުރުވެރިވެ އުފަލުގައި ހުންނަން މަސައްކަތްކުރުން ނޫންހެއްޔެވެ؟ ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ޝުކުރުވެރިވެ، ހިތަށް އުފާވެރިކަން ލިބިގަންނަން މަސައްކަތްކުރަމާ ހިނގާށެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން