މާސްޓާސް ހަދާފައިވާ އިމާމުންނަށް ރާއްޖެއިން ބޭރުން ޕީއެޗްޑީ އާ ހަމައަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް އައު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ޑރ. ޝަހީމް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓަ ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަސިޓީ އަކުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.
އަދި މިސްރާއި ސައުދީ އަރަބިއްޔާއާއި މެލޭޝިޔާއާއި ބުރޫނާއި އަދި އިންޑޮނީޝިއާ އިން ތަމްރީނުގެ ފުރުސަތު އިމާމުންނަށް ހޯދައިދެއްވާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. މިނިސްޓަރު ފާހަގަ ކުރެއްވިގޮތުންނަމަ، އެ މަޝްރޫގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި މިހާރު ކުރިޔަށް އެބަދެއެވެ. އިސްލާމީ ގައުމުތަކުން އިމާމުކަމުގެ ތައުލީމު އުނގެނުމަށް މަގުފަހި ކުރުމުގެ ގޮތުން އެތައް ގައުމަކާއި ވާހަކަދެކެވި، އިމާމުކަމުގެ ރޮނގުން ކުރިޔަށް ދިޔުމުގެ ފުރުސަތުތަކެއް ހުޅުވިފައިވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.