ޣައްޒާއަކީ ގިނަ ޢަދަދެއްގެ ކުޑަކުދިން ދިރިއުޅެމުން އައިތަނެކެވެ. ޤުރްއާނަށް ލޯބިކުރާ ކުދިން ގިނަ ރަށެކެވެ. ޤުރްއާން ހިތުދަސް ގިނަ ޢަދަދެއްގެ ކުޑަކުދިން ދިރިއުޅުނު ރަށެވެ. ސުވާލަކީ ލޯބިލޯބި އެކުދިންތައް މިއަދު ކޮބައިހެއްޔެވެ؟
އެކުދިންގެ ފުރާނަތައް މިއަދު ވަނީ ޝަހީދުން ފަދައިން ސުވަރުގޭގެ ލަންޓަންކޮޅުތަކުގައި ދިރިއުޅޭ ފެހިކުލައިގެ ދޫނިތަކުގެ ހަށިތަކުގައިހެއްޔެވެ؟ ނުވަތަ އިސްރާ އާއި މިޢްރާޖެގެ ދަތުރުފުޅުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފެނިވަޑައިގެންނެވި ފަދައިން އިބްރާހީމްގެފާނުގެ އަރިއަހުގައިހެއްޔެވެ؟
މިހުރީ ކޮންމެ މުސްލިމެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލުތަކެވެ. ކަންބޮޑުވާނެ މައްސަލަތަކެވެ.
"އަހުރެމެން 3 ކުދިން ތިބީ ކުޑަ ބޯޅައަކުން ކުޅޭށެވެ. ބޮންއަޅާ ބޯޓުތައް އަހުރެމެންނާއި ދިމާއަށް އަންނަތަން ފެނުމުން 3 ކުދިން ވަނީ ޕާކްކޮށްފައި އޮތް ކާރެއްގެ ދަށަށެވެ. ބޯޓުތައް ދިއުމުން ކާރުގެދަށުން ނުކުތްތަނާ އެއްޗެއް ގޮވައި 2 ކޮއްކޮ ޝަހީދުވެއްޖެއެވެ. އެވާހަަކ ބުނަން ގެއަށް ދިއައިރު ގެއަށް ބޮން އަޅައި ގެވަނީ ފުނޑުފުނޑުކޮށްލައިފައެވެ. ގޭގައި ތިބި އެންމެން ވަނީ މަރުވެފައެވެ. މިހާރު ދުނިޔޭގައި މިހުރީ އަހުރެން އެކަންޏެވެ. އަހުރެން އެކަނި ދުނިޔޭގައި ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ ބޮންއަޅާށެވެ! އަހުރެންވެސް ޝަހީދުކޮށްލާށެވެ!"
މިއީ ޢުމުރުން 6 އަހަރުގެ ޣައްޒާގެ ކުޑަކުއްޖެއްކަމުގައިވާ އަޙްމަދުގެ ވާހަކައެވެ. މިފަދަ ކިތައް ހާސް އަޙްމަދު ޣައްޒާގައި ނުވަތަ ކޮންމެވެސް ތަނެއްގައި ވާނެހެއްޔެވެ؟
ނިކަން ބުނެބަލާށެވެ! ހިތަށް އަސަރެއް ނުކުރޭހެއްޔެވެ؟ އަސަރުކުރާނަމަ އެކުދިން ދިރިތިބުމަށް އެހީތެރިވެދޭށެވެ! އެކުދިންނަށްޓަކައި ހެޔޮދުޢާ ކުރާށެވެ!
- މަޢުލޫމާތު: އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން