ކުއްޖާ އުފަންވާ ވަޤުތުންފެށިގެން ނަފްރަތުކޮށް ކުއްޖާ ނިކަމެތިކުރަން މަސައްކަތްކުރާ ބައަކުވެސް ތިބޭ! ކުދިންނަށް އޮތީ އުފާވެރިކަން- އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކުއްޖާ އުފަންވާ ވަޤުތުންފެށިގެން ނަފްރަތުކޮށް ކުއްޖާ ނިކަމެތިކުރަން މަސައްކަތްކުރާ ބައަކުވެސް ތިބޭ! ކުދިންނަށް އޮތީ އުފާވެރިކަން- އިން ޝާ ﷲ: މުފްތީ މެންކް

އެއްވެސް ކުއްޖަކު ދުނިޔެއަށް އުފަންވާނީ އެހެން ބައަކު އެކުއްޖާދެކެ ރުޅިއަންނަން ޖެހޭނެ ޙާލަތެއްގައެއް ނޫނެވެ. އެހެނީ އެކުއްޖާ އެއްވެސް ކުށެއް ކުރީއެއް ނޫނެވެ. ކުށެއް ކުރެވޭނީއެއްވެސް ނޫނެވެ. ކުށެއް ކަމަށް ތިއަ ބަލަނީ އެކުއްޖާ އުފަންވުން ކަމަށް ބަލައިފިނަމަ އެކަމުގައި ކުއްޖާ ކުރީ ކޮން ކުށެއް ހެއްޔެވެ؟ 

ބުނަން ހެއްޔެވެ؟ އިންސާނުންނަށް ﷲ ތަޢާލާ ބައެއް ކަންކަމުގައި އެކި މިންވަރަށް އިކްތިޔާރުތައް ދެއްވަވައެވެ. ނަމަވެސް މައިންބަފައިން ކަނޑައެޅުމާއި އުފަންވާނެ ވަޤުތާއި ތަން ކަނޑައެޅުން ފަދަ ކަންކަމުގައި އެއްވެސް މީހަކަށް އެއްވެސް އިކްތިޔާރެއް ނުދެއްވަވައެވެ. އެކަންކަން ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. 

މިއީ އެއްވެސް މުސްލިމަކަށް އޮޅިފައިވާނެ ކަންކަމެއް ނޫނެވެ. އެހެންކަމަށްވާއިރުވެސް ބައެއް ކުދިން އުފަންވުމުން އެހެން މީހުންނަށް އަޑުއިވޭވަރަށް ދުލުން ނުބުނި ނަމަވެސް ހިތުން ނުބައިބަސްތައް ބުނެ ކުއްޖާއަށް އިންޒާރުދޭ ބައަކުވެސް އުޅެއެވެ. "ނިކަންހުރެބަލާށެވެ! ނިކަމެތިކޮށްލާނަމެވެ! ނޯށުން ރޯން ޖައްސުވާނަމެވެ." ބުނާ ބައަކުވެސް އުޅެއެވެ. 

އަދި އެގޮތަށް އެކަންތައް ކުރަން މަސައްކަތްކުރާ ބައަކުވެސް އުޅެއެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ކުޑައިރުންސުރެ ހިތާމައާއި ހިތްދަތިކަމުގައި ވަރަށް ނިކަމެތި ޙާލުގައި އުޅެންޖެހި، ބޮޑެތިވާ ކުދިންވެސް އުޅެއެވެ. 

ތިބާއަކީ ބޮޑުވެ އަމއްލަ ދިރިއުޅުމެއް އަދިވެސް ނުފެށި، މިފަދަ ނިކަމެތި ޙާލެއްގައިވާ ކުއްޖަކުނަމަ ހިތްވަރުކުރާށެވެ! ކިތަންމެ ހިތްދަތިޙާލުގައި އުޅެންޖެހުނަސް އެއްވެސް މީހަކާއި އެއްވެސް ޝަކުވާއެއް ނުކުރާށެވެ! ހިތުގެ އުދާސްތައް ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާށެވެ! 

ﷲ ތަޢާލާއަށް ދަންނަވަމުން ގެންދަން ޖެހެނީ ތިބާގެ ޙާލު ﷲ ތަޢާލާ ދެނެވޮޑިގެން ނުވާތީއެއް ނޫނެވެ. ތިމާއަށް އަމިއްލައަށް ނުކުރެވޭ (ކުރުމުގެ އިޚްތިޔާރު ދެއްވަވާފައިނުވާ) ކޮންމެ ކަމެއްގައިވެސް ގިނަގިނައިން ﷲ ތަޢާލާއަށް ދެންނެވުމަށް އެކަލާނގެ ލޯބިވެވޮޑިގެންވާތީއެވެ. 

އަދި ކީއްހެއްޔެވެ؟ ތިބާ ހަމައެކަނި ﷲ ތަޢާލާއަށް ދެންނެވުމުގައި ޘާބިތުވެ ހުރެއްޖެނަމަ ތިބާއަށް ދެދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ. ހަމައެކަނި ކޮށްލަން ޖެހޭނެ ކަމަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެލުމެވެ. ވީމާ މިފަދަ ހިތްދަތިކަމުގައިވާ ހުރިހާކުދިންވެސް މާޔޫސްނުވެ އުފާކުރާށެވެ! ކުރިމަތިވެފައި ތިއަވަނީ ވަރުގަދަ އިމްތިޙާނެއްކަން ޔަޤީންކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން