މުސްލިމުންގެ ވެރިންނަށް މިއަދު ތިބީ ކޮންކަހަލަ ބައެއް ކަމާއިމެދު އެއްވެސް ބަހެއް ބުނާކަށް ނެތީމެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ދެން އެކަމަށް ގޮތް ނިންމާނީ މުސްލިމް ރައްޔިތުންނެވެ.
އަހުރެންނަށް ބުނެވެން އޮތީ ފަލަސްޠީނުގެ ޙާލަތު ފާއިތުވި 75 އަހަރުތެރޭގައިވެސް ދުނިޔެއަށް އޮޅުން ނުފިލާވަރަށް މިއަދު އޮޅުން ފިލައިފިއެވެ. އަދި ޣައްޒާގެ މައްސަލައިގެ ސަބަބުން އިސްލާމް ދީނުގެ ކަންކަންވެސް ވަރަށް ގިނަ ބައަކަށް އޮޅުންފިލައިފިއެވެ. ވީމާ މުސްލިމުންގެ ވެރިން އަދާކުރަންޖެހޭނެ ދައުރާއި އެމީހުންގެ ދައުރު އަދާކުރާ މިންވަރުވެސް ދުނިޔެއަށް މިހާރު ވަރަށް ރަނގަޅަށް އެނގޭނެއެވެ.
ވެރިކަމަކީ މަތިވެރި މަޤާމެއް ނޫނެވެ. އެއީ މީހަކަށް އުފުލަންޖެހޭނެ އެންމެ ބޮޑު ޒިންމާއެވެ. އެޒިންމާ އުފުލަންޖެހޭ ގޮތަށް ނުއުފުލައިފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ސުވާލުތައް ކުރިމަތިކުރައްވަވާނެއެވެ. މިއަދު ތަފާތު ބަހަނާތައް ދެއްކި ނަމަވެސް އެދުވަހަކީ ހަމައެކަކަށްވެސް ބަހަނާ ދެއްކޭނެ ދުވަހެއް ނޫނެވެ.
ޤިޔާމަތް ދުވަހުގައި މީސްތަކުންނާއިމެދު އިންޞާފްކުރައްވަވާނީ އެއް އުޞޫލަކުންނެވެ. ދުނެިޔޭގައި ބޮޑު ވެރިކަމެއް ލިބިފައި އޮތުމަކީ ޤަދަރު އުފުލިގެންދާނެ ސަބަބެއް ނޫނެވެ. ޤަދަރު އުފުލޭނީ ވެރިކަމުގެ ޒިންމާ އަދާކުރިނަމައެވެ. ވެރިކްނަ ދެއްވެވީ ﷲ ތަޢާލާކަން ދެނެ، އަދި އެކަލާނގެ ޙަޟްރަތަށް ޖަވާބުދާރީވާންޖެހޭނެ ކަންވެސް ދަނެގެން ވެރިކަން ކޮށްފައިވާނަމައެވެ.
އިސްލާމް ދީނަށް ބަލައިފިނަމަ ތިމާއާއި އެއްވެސް ގުޅުމެއް ނެތް، ނުވެސް ދަންނަ މީހަކަށް ނަމަވެސް މީހަކު އަނިޔާކުރާތަން ފެނިއްޖެނަމަ އެކަން ހުއްޓުވައި އަނިޔާ ލިބޭ މީހާ ސަލާމަތްކުރަން މަސައްކަތްކުރަން ޖެހެއެވެ. ވީމާ ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީ ޒަޔަނިސްޓުން ކުރަމުން ގެންދާ އަނިޔާތައް ހުއްޓުވަން އިސްލާމީ އުންމަތުގެ ވެރިންނަށް މަޖުބޫރުވާނެ މިންވަރާއިމެދު ވިސްނައިލާށެވެ!
ދުޢާއަކީ ފަލަސްޠީނުގައިވެސް އަދި އެހެން ތަންތަނުގައިވެސް މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކުން އެއެންމެން ސަލާމަތްކޮށްދެއްވެވުމެވެ. ޢާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން