ޤުރްއާން ކިޔަވާއިރު ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ޤުރްއާން ކިޔަވާއިރު ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން: ޝައިޚް މުޙައްމަދު ހޮބްލޮސް

ޤުރްއާން ކިޔެވުމަކީ އެންމެ ބޮޑަށް ސަމާލުކަން ދީގެން ކުރަންޖެހޭނެ އެއްކަންތަކެވެ. އެހެނީ ކީރިތި ޤްރުއާން ކިޔެވުމަކީ ﷲ ތައާލާ އާއި ސީދާ ގޮތުގައި ކުރެވޭ މުޢާމަލާތެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރުގެން ކޮންމެ މީހަކު ކޮންމެ ވަގުތަކު ކީރިތި ޤްރުއާން ކިޔެވި ނަމަވެސް ﷲ ތަޢާލާ ވަގުތުން އައްސަވައިވޮޑިގެންވެއެވެ. ވީމާ ސަމާލުކަން ދޭން ޖެހޭ 2،3 ކަމެއް ފާހަގަކޮށްލާނަމެވެ. 

ފުރަތަމަ ކަމަކީ ކިޔަވަން ފެށުމުގެ ކުރިން އަޢޫޛް ކިޔައި ޝައިޠާނާ ފައްސައިލުމެވެ. އަޢޫޛް އަކީ ދުޢާއެކެވެ. ޝައިޠާނާގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދި ކުރާ ދުޢާއެވެ. ނމަވެސް ގިނަ ބައަކު އެކަމަށް ނުވެސް ވިސްނައެވެ. ހަމައެކަނި ދުލުން ކިޔައިލާ އެއްޗެއްގެ ގޮތުގައި ކިޔައިލަނީއެވެ. އެގޮތަށް އަޢޫޛް ކިޔުމަކުން ފައިދާއެއް ނުކުރާނެއެވެ. ވީމާ އަޢޫޛް ކިޔަން ވާނީ ލަސްލަހުންނެވެ. މާނައަށް ވިސްނައިގެންނެވެ. ދުޢާކުރާ ގޮތަށެވެ. 

ބިސްމި ކިޔުމަކީވެސް ހަމަ އެފަދައިން ކުރަން ޖެހޭ ކަމެކެވެ. ރަހްމާން ވަންތަ ރަޙީމްވަންތަ ﷲ ތަޢާލާގެ އިސްމުފުޅުން ފަށަމޭ ބުނުމަކީ ކުޑަ ކަމެއް ނޫނެވެ. ކޮންމެ ކަމެއް ކުރަން ފަށަމުންވެސް ބިސްމި ކިޔުމަކީ އެކަން ރަނގަޅު ގޮތުގައި ކުރުމުގެ ތައުފީޤް ދެއްވެވުން އެދި ދުޢާ ކުރުމެވެ. ވީމާ ބިސްމި ވެސް ކިޔަން ޖެހޭނީ ހަމަ އެހައި ބޮޑަށް ސަމާލުކަން ދީގެންނެވެ. 

3 ވަނައަށް މިފާހަގަ ކުރަނީ އެންމެ ބޮޑަށް ވިސްނަންވީ ކަންތަކެވެ. އެއީ ކީރިތި ޤްރުއާން ކިޔަވަމުންދާއިރު ދުޢާކުރަމުން ކިޔެވުމެވެ. ނަރަކައިގެ ވާހަކަތައް ކިޔަވާ ކޮންމެ ފަހަރަކު ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިއެވެ. ސުވަރުގޭގެ ވާހަކަތައް ކިޔާ ކޮންމެ ފަހަރަކު ސުވަރުގެ ދެއްވެވުން އެދިއެވެ. ރިޒްޤްގެ ވާހަކަތައް ކިޔާއިރު ރިޒްޤް ދެއްވެވުން އެދިއެވެ. އެ ކިޔެވޭ އާޔަތަކާއި ގުޅޭ ގޮތަކުންނެވެ. 

ހަމަ އެއާއިއެކު ވިސްނައިގެން ލަސްލަހުން ކިޔަވަން ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ބޭނުންވަނީ އަވަހަށް ކިޔައި ޚަޠިމް ކުރުމެއް ނޫނެވެ. ސަމާލުކަން ދީގެން ލަސްލަހުން ކިޔަވައި ހިތަށް ކަންކަން ނެގުމެވެ. ކިޔެވުމުގެ ޙަޤީޤީ ފައިދާ ކުރާނީ އެއިރުންނެވެ. 

ކީރިތި ޤްރުއާން ކިޔެވުން މިގޮތަށް ނިކަން ބަދަލުކޮށްލައިބަލާށެވެ! ބޮޑެތި ބަދަލުތައް ފެންނަން ފަށާނެއެވެ! އިންޝާ ﷲ. 

ގިނަ މީހުން ކީރިތި ޤްރުއާން ކިޔަވަނީ ހަމަ ކިޔަވައިލާ އުޞޫލުންނެވެ. ދޭން ޖެހޭ ސަމާލުކަން ނުދެވިއެވެ. މިބުނި މިސްރާބުން ކިޔަވަން ފަށައިފިނަމަ އެމީހަކާއި ކީރިތި ޤްރުއާނާއި ދެމެދު ގުޅުން ބަދަހިވާން ފަށާނެއެވެ. އެހިސާބުން އެމީހަކަށް ﷲ ތަޢާލާގެ ރަހްމަތްފުޅު ދާނީ އޮހެމުންނެވެ. އިންޝާ ﷲ! 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން