ނަޞްރު ލިބޭނީ ފުރަތަމަ ކަމަކަށް މިސްކިތްތައް ބޯއިކޮޓްކުރުން ހުއްޓާލައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ނަޞްރު ލިބޭނީ ފުރަތަމަ ކަމަކަށް މިސްކިތްތައް ބޯއިކޮޓްކުރުން ހުއްޓާލައިގެން!

ޣައްޒާއަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ދެމުން ގެންދާ ޙަމަލާތަކާއި ގުޅިގެން އެޓެރަރިސްޓުންނަށް އެހީތެރިވާ ވިޔަފާރިތައް ބޯއިކޮޓްކުރަން ގޮވާލާ އަޑު މިވަނީ ވަރަށް ގަދަވެފައެވެ. އެއީ ހަމަކުރަންވެސް ޖެހޭނެ ކަމެކެވެ. އެކަމަށް ހިތުގެ އަޑިން ތާއީދުވެސް ކުރަމެވެ. 

އެހެންކަމާއިއެކުވެސް ބުނަންޖެހޭ ވާހަކައެއް އެބަ އޮތެވެ! އެއީ ފުރަތަމަ ކަމަކަށް ފިރިހެނުން މިސްކިތް ބޯއިކޮޓްކުރުން ހުއްޓައިލާށެވެ! އަންހެނުން މުސައްލަ ބޯއިކޮޓްކުރުން ހުއްޓައިލާށެވެ. ނަމާދުކުރުން ގިނަކުރާށެވެ! ސަޖިދައިދައިގައި ގިނަ ވަޤުތު ހޭދަކޮށް ދުޢާކުރުން ގިނަކުރާށެވެ! 

ނަމާދުކުރުން ބޯއިކޮޓްކުރަމުން އިސްލާމް ދީނަށް ދެވޭނީ ކޮން ނަޞްރެއް ހެއްޔެވެ؟ އަހުރެމެންނަށް ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭނީ ނަމާދުގެ ސަޖިދައިގައެވެ. ވީމާ އަހުރެމެން މަސައްކަތްކުރަންވީ ވީހައި ގިނައިން ސަޖިދަކޮށް އަދި ސަޖިދައިގައި ވީހާ ގިނަ ވަޤުތު ހޭދަކުރުމަށެވެ. އަނިޔާ ލިބެމުންދާ އަޚުންނާއި އުޚުތުންނަށް ވީހައި ގިނައިން ހެޔޮދުޢާކުރުމަށެވެ. އެހެން ކަންކަން ގެންނަން ޖެހޭނީ އެއިގެ ފަހަތުންނެވެ.    

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޡާއަށާއި މުޅި ފަލަސްޠީނަށް ޙަމަލާދެމުން ގެންދާތާ 40 ފުރި ދެމަސްވާން ކައިރިވަނީއެވެ. ޙަޤީޤީ އެހީތެރިކަމެއް ފޯރުކޮށްދެވިފައެއް ނުވެއެވެ. މުސްލިމުންނަށް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކޮށް އާދޭސް ދެންނެވުމެވެ. އެކަން ކުރެވެން އޮތީ ނަމާދުކޮށްގެންނެވެ. ސަޖިދަކުރާ މީހަކަށްވެގެންނެވެ. ވީމާ ފުރަތަމަކަމަކަށްވެސް ނަމާދުކުރާ ބައަކަށްވުން ކީއްހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން