އެސްފީނާ ލުމުގެ ޙުކުމަކީ ކޮބާ؟ އެސްފީނާލީ މީހާ އެނގޭނަމަ ކަންތައް ކުރަންވީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 56ސ
އެސްފީނާ ލުމުގެ ޙުކުމަކީ ކޮބާ؟ އެސްފީނާލީ މީހާ އެނގޭނަމަ ކަންތައް ކުރަންވީ ކިހިނެއް؟

"އަޅުގަނޑުގެ ދަރިފުޅަކީ ވަރަށް ރަނގަޅަށް ކިޔަވަމުން އަންނަ ކުއްޖެކެވެ. މިހާރު އަބަދު އުލެނީ ނުކިޔަވަންބެގެންނެވެ. ފިލާވަޅުދަސްކުރަން ބެއިންދިނަމަވެސް އުޅެނީ ފޮތް ނުކިޔަންވެގެންނެވެ. ވަރަށް ބޮޑަށް ޔަޤީންކުރެވޭގޮތުގަ މިއީ ހަމަ ގޭތެރެއިން އެސްފީނާލައިގެން ދިމާވެގެން އުޅޭ ކަމެކެވެ. މީހާވެސް ވަރަށް ޔަޤީނެވެ. އެކަމަކު އެއްބަހެއް ނުވެއެވެ. އެހެންވީމާ ކުރަންޖެހޭނީ ކޮންކަމެއްތޯ؟" 

ކިޔުންތެރިޔާ ކުރައްވާފައިވާ ސުވާލަކީ ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

އެސްފީނާލީ ނަމަވެސް އަދި ކިތަންމެ ނުބައިކަންބޮޑު ކަމެއް ކުރިނަމަވެސް އަމިއްލައަށް އެއްވެސް މީހަކާއިމެދު ޙުކުމް ނުނެރޭށެވެ. ގޮތް ނުނިންމާށެވެ! ލޮލަށްފެނި ޘާބިތުނުވާހައި ހިނދަކު އެއްވެސް މީހަކަށް އިނގިލި ދިއްނުކުރާށެވެ! 

ދެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ މި ބަސްފުޅުތައް ދަސްކުރާށެވެ! 

1 ސަޢޫދީ ޢަރަބިއްޔާގެ ފަތްވާ ކޮމިޓީގެ ބޭފުޅުން ވިދާޅުވެފައި ވެއެވެ (1/547) އެސްފިންނާ އަކީ ޙަގީގަތެކެވެ. ޙަދީޘް ބަސްފުޅުގައިވެސް އައިސްފައި ވެއެވެ. (اَلْعَيْنُ حَقٌّ وَلَوْ كَانَ شَيْءٌ سَابِقٌ الْقَدْرِ لَسَبَقَتْهُ الْعَيْنِ) މާނައަކީ: "އެސްފިންނާ އަކީ ޙަގީގަތެކެވެ. ގަދަރަށްވުރެ ކުރިޔަށް އެއްވެސް އެއްޗަކަށް އެރޭނެނަމަ އެސްފިންނާ ކުރިޔަށް އެރީހެވެ.  عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : (كَانَ يُؤْمَرُ الْعَائِنُ فَيَتَوَضَّأُ ثُمَّ يَغْسِلُ مِنْهُ الْمَعِيْن) މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއިމިނީނަ ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. އެސްފިންނާ ޖައްސާ މީހުން ވުޟޫކޮށްފައި އެފެނުން އެސްފިންނާ ޖެހުނު މީހާ ފެންވެރުވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރެއްވިއެވެ". 

2 އެސްފިންނާ ޖެއްސުމުގެ ޙުކުމަކީ ސިޙުރު ހެދުން ފަދައިން ޙަރާމް ކަމެކެވެ. އެހެންކަމުން އެސްފިންނާ ޖެއްސުމުން ފަރުވާ ކުރުމަށް ޓަކައި ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ ޙަދީޘް ގައި އައިސްފައިވާ ފަދައިން ﷲ ޛިކްރު ކުރާށެވެ. އަދި ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (هَلَّا إِذَا رَأَيْتَ مَا يُعْجِبُكَ بَرِّكْتَ  ) މާނައަކީ: "ތިބާ ޢަޖައިބު ކުރުވަނިވި ކަމެއް ފެނުމުން ބަރަކާތް ލެއްވުން އެދި ދުޢާ ކުރިނަމައެވެ."  އެހެންކަމުން މިފަދަ ކަމެއް ފެނުމުން އެމީހަކު ކިޔާށެވެ. ( مَا شَاءَ اللهُ لَا قُوَّةَ إِلَّا بِاللهِ) އަދި އެމީހަކަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ( ފަތާވާ އައްލަޖްނަތުއްދާއިމާ 1/109). والله أعلم . 

3 "ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގައި ވިޔަސް ނުވަތަ އަޚާގެ ކިބައިގާ ވިޔަސް ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ، ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ. ހަމަކަށަވަރުން އެސްފިންނާ އަކީ ޙަގީގަތެކެވެ." (ޙަދީޘް) 

4  "ޢާމިރު ބިން ރަބީޢާ ސަހްލު ބިން ޙުނައިފް ފެންވަރަން ހުއްޓާ ހުރަސްކުރިއެވެ. އަދި ބުންޏެވެ. "މިއަދު މިފެނުނު ފަދަ މީހަކު ދުވަހަކުވެސް ނުދެކެމެވެ. އަދި މިފަދަ ދޮން ޖާރިޔާ އަކުވެސް ނުދެކެމެވެ. މާގިނައިރު ތަކެއް ނުވެ ސަހްލު ބިން ޙުނައިފަށް އެސްފިންނާ ޖެހި ބިން މައްޗަށް ވެއްޓިއްޖެއެވެ. 

ދެން އޭނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގެންދެވުނެވެ. އަދި ދެންނެވުނެވެ. 

"ސަހްލު އަށް އެސްފިންނާ އެއް ޖެހިއްޖެއެވެ." 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ތުހުމަތު ކުރަނީ ކާކަށް ހެއްޔެވެ؟"

އެބައިމީހުން ބުންޏެވެ. "ޢާމިރު ބިން ރަބީޢާ އަށެވެ."

ހަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަޚާ ގަތުލު ކުރަނީ ކޮންކަމަކާ ގުޅިގެން ހެއްޔެވެ؟ ތިޔަބައިމީހުންގެ އަޚާގެ ކިބައިގާ ޢަޖައިބު ކުރުވަނިވި ކަމެއް ފެނިއްޖެނަމަ އޭނާ އަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރާށެވެ." 

އެއަށް ފަހު ފެން އެއްޗެއް ގެނައުމަށް އަމުރު ކުރެއްވިއެވެ. އަދި އެފެން އެތިން ވުޟޫ ކުރުމަށް ޢާމިރު އަށް ދެންނެވިއެވެ. އެހިނދު ޢާމިރު އޭނާގެ މޫނާއި ދެއަތް އުޅަނބޮއްޓާއި ހަމައަށް އަދި ދެކަކުލާއި މުންޑުގެ އެތެރެއިން ލައިގެން ހުރި ހެދުން ދޮވުނެވެ. އަދި އެފެން ސަހްލު ބިން ޙުނައިފްގެ ގަޔަށް އެޅުމަށް އަމުރު ކުރެއްވިއެވެ. 

- އެނގިގެން މިދިއައީ: 

1 އެސްފީނާލީ މީހާ އެނގޭނަމަ އޭނާ ލައްވައި ވުޟޫކުރުވައި އެ ފެން އެސްފިނާ ޖެހިފައިވާ މީހާގެ ގައަށް އެލުމުން އެސްފިނާއިން ސަލާމަތްވާނެކަމެވެ. 

2 އެސްފިންނާ ޖެއްސުމުގެ ޙުކުމަކީ ސިޙުރު ހެދުން ފަދައިން ޙަރާމް ކަމެކެވެ.

ކިޔުންތެރިޔާއަށް އަދިވެސް އިތުރަށް އެނގެން ބޭނުންނަމަ ސުވާލުކުރާށެވެ!  

މިއަދު އޮންލައިން