ވަރިކޮށްފަ ދަރިންނާ އަޅާނުލައި ޚަރަދުނުކުރުމުން ދަރިންގެ ކައިވެނި ރޫޅެންވެސް މަގުފަހިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ވަރިކޮށްފަ ދަރިންނާ އަޅާނުލައި ޚަރަދުނުކުރުމުން ދަރިންގެ ކައިވެނި ރޫޅެންވެސް މަގުފަހިވޭ!

ފިރިން އެމީހުންގެ އަނބިން ވަރިކުރުމަށްފަހު ދަރިންނާއި އަޅައިނުލުމުން ލިބޭ އެންމެ ބޮޑު އެއް ދެރައަކީ ދަރިންނަށް ބައްޕަގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ނުލިބޭކަމެވެ. އެކަމުގެ ސަބަބުން ދަރިންނަށް އެނގެންޖެހޭނެ ކަންކަން ނުއެނގި އޮންނަ ކަމެވެ. 

މިޘާލަކަށް ވަރިކުރީ ވަރިކުރަންޖެހިގެން ކަމަވެސްވެދާނެއެވެ. ނަމަވެސް ބައްޕަގެ އަޅައިލުމާއި އެހީތެރިކަން ނުލިބޭނަމަ ދަރިންނަށް ވިސްނިފައި އޮންނާނީ ބައްޕައަކީ ވަރަށް ބުބައި މީހަކު ކަމަށެވެ. ސަބަބަކީ ވަރަށް މަދު މައަކު ނޫނީ އޭނާގެ ކުށްތައް ދަރިންނަށް ކިޔައެއް ނުދޭނެއެވެ. އެކަންކަމުގެ ވާހަކަ ދައްކަން ލަދުވެސްގަންނާނެއެވެ. 

މިފަދަ ޙާލުގައި ބޮޑެތިވާ ދަރިންނަށް ޤަބޫލުކުރެވިފައި އޮންނާނީ ފިރިހެނުންނަކީ ވަރަށް ނުބައި ބައެއްގެ ގޮތުގައެވެ. އެއްވެސް ރަޙުމެއް ކުލުނެއް ނެތަ ބައެއްގެ ގޮތުގައެވެ. އެކަމުގެ ނަތީޖާއަކަށްވެގެންދާނީ އަންހެން ކުދިން ކައިވެނިކުރުމަށްފަހު އެމީހުންގެ ފިރިންނާއިމެދުގައިވެސް އެފަދައިން ބެލެވުމެވެ. 

ފިރިންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅައިލުން ގިނަ ފަހަރު އޮންނާނީ ނެދެވިފައެވެ. ޤަބޫލުކުރެވޭނީ ކިތަންމެ ރަނގަޅަށް ކަންކަން ކުރިނަމަވެސް ބައްޕަ މަންމައާއިމެދު ކަންކަން ކުރި ގޮތަށް ފިރިމީހާ ތިމާއާއިމެދުގައިވެސް ކަންކަން ކުރާނެ ކަމަށެވެ.  

ފިރިހެން ކުދިންނަށް ދިމާވާނެ އެއް މައްސަލައަކީ އެމީހުންވެސް އަނބިން ވަރިކުރުމަށްފަހު ދަރިންނާއި އަޅައިލުމަކީ ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލުނުކުރެވުމެވެ. މިއީ ރަނގަޅު ގޮތް ނޫންނަމަވެސް ގިނަފަހަރަށް ކަންކަން މެދުވެރިވަނީ މިފަދަ ގޮތަކަށެވެ. 

ކައިވެނިތައް ރޫޅުން ގިނަވެ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވުމުގެ މައްސަލަތައް ގިނަވަމުން އަންނައިރު މިހުންނަނީ ވިސްނަންޖެހޭ ކަންކަމެވެ. ކައިވެނި ރޫޅި ދެމަފިރިން ވަކިވިނަމަވެސް ދަރިންނަށް އަޅާލައި އެހީތެރިވެދީގެން ބޮޑުކުރަން މަސައްކަތް ނުކުރާނަމަ މިބާވަތުގެ މައްސަލަތައް ގިނަވެ އެދަރިންގެ ކައިވެނިވެސް ރޫޅުން އޮންނާނީ ދާދި ގާތުގައެވެ. 

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ މަންމައަކު އެކަނި ދަރިންބަލާނަމަ ޚާއްޞަކޮށް ދަރިންގެ ބައްޕަ ޚަރަދުނުކުރާނަމަ އެމީހަކު އަބަދުވެސް ހުންނާނީ ހާސްވެ ކަންބޮޑުވުންމަތީގައެވެ. އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް ދަރިންނަށް ކުރާނެއެވެ. 

އަބަދުވެސް ބުނެވޭއަޑު މިއިވެނީ ވަރިކުރުމަކީ ހުއްދަ ކަމެއް ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. އެއީވެސް ތެދެކެވެ. ނަމަވެސް ވަރިކުރުމަށްފަހު ދަރިންނަށް އަޅައިނުލުމާއި ޚަރަދުނުކުރުމަކީ އެންމެ ބޮޑު އެއް މައްސަލައެވެ. އެކަމުގެ ވާހަކަ ދެކެވޭއަޑު މިއިވެނީ ވަރަށް މަދުންނެވެ. ދަރިން ލިބިފައިވަނިކޮށް ވަރިކުރާނަމަ ވަރިކުރިނަމަވެސް ދަރިންނަށް އަޅާލައި ޚަރަދުކުރާނެ ގޮތަކަށް ވިސްނަން ޖެހޭނެއެވެ. ވަރިކުރުން ހުއްދަނަމަވެސް ދަރިންނަށް ޚަރަދުނުކުރުން ހުއްދަނޫންކަން ޤަބޫލުކުރަންވާނެއެވެ! 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން