ހުރިހާ ކުދިންނަށްވެސް އެނގޭނެއެވެ. އަހުރެމެން އެންމެންގެ ލޮބުވެތިނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މުޅި އުންމަތުގެ އެންމެ އިސްވެރިޔާއެވެ. ހަމައެކަނި މައްކާ، މަދީނާ ނުވަތަ ޙިޖާޒްކަރައިގެ ވެރިޔާއެއް ނޫނެވެ.
އެބަހުގެ މާނައަކީ ދުނިޔޭގެ ކޮންމެ ޤައުމެއްގައި މުސްލިމުން ތިބިނަމަވެސް އެމީހުންގެ ވެރިއަކީ އިތުރު އެކަލޭގެފާނުކަމެވެ.
ކޮންމެއަކަސް އެފަދަ މަތިވެރި ދަރަޖަ ލިބިވަޑައިގެން ހުންނެވިއިރުވެސް މަގުމަތިން ވަޑައިގަންނަވާއިރު ބައްދަލަުވެވަޑައިގަންނަވާ ކުޑަކުދިންނާއި ސާމާސާ ކުރައްވަވައެވެ. އެކުދިން ކުޅޭ ކުޅިވަރުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އަދި ވަރަށް މުހިންމު އެހެން ކަމެއްވެސް ބުނެލާނަމެވެ. ކުޑަކުއްޖަކު ގެންގުޅުނު ދޫންޏެއް މަރުވުމުން އެކަމާއި ދެރަވެފައި ގޭގައި އިންކަން އެނގިވަޑައިގަތުމުން އެކުއްޖާއާއި ބައްދަލުކުރައްވަވަން އެކުއްޖާގެ ގެއަށް ވަޑައިގެންނެވިއެވެ. އެކުއްޖާއަށް ސަމާސަ ކުރައްވަވައި ހިތްވަރު ދެއްވެވިއެވެ.
ވިސްނައިލާށެވެ! މުޅި އުންމަތުގެ އެންމެ މަތީ ވެރިޔާ ކަމުގައިވެހުންނަވައިގެން ކުޑަކުދިންނަށް އެހައި ބޮޑަށް ސަމާލުކަން ދެއްވަވައި ކުދިންގެ ގޭގެއަށް ވަޑައިގެން ބައްދަލުކުރައްވަވާނީ ކުޑަކުދިން ދެކެ ކިހައި ބޮޑަށް ލޯބިފުޅުވާތީ ހެއްޔެވެ؟
ވީމާ ތިއަކުދިންވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވަރަށް ބޮޑަށް ލޯބިވާންވާނެއެވެ. ޞަލަވާތް ކިޔަވަންވާނެއެވެ. ހުކުރު ދުވަހު ގިނައިން ކިޔަވަންވާނެއެވެ. އެއިރުން މާތް ﷲ ތިއަކުދިންނަށް ޘަވާބުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ