ލޮބުވެތި ކަނބަލުންނޭވެ! އަހުރެމެން ކުރާ ކޮންމެ ކަމެއްވެސް ކުރަން އޮތީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށެވެ. ވަކިކަމެއް ނޫނެވެ. ކޮންމެ ކަމެކެވެ. އެއަށްވުރެ ފައިދާހުރި އެހެން ގޮތެއް ނުއޮންނާނެއެވެ.
ވީމާ ކޮންމެ ކަމެއް ކުރިނަމަވެސް ބަލަންވީ ތިމާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ގޮތެއް ނޫނެވެ. އަދި އެހެން މީހަކު ނުވަތަ ބައަކު ރުހޭނެ ގޮތެއްވެސް ނޫނެވެ. ބަލަންވީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތެވެ.
ވީމާ ތިއަ ކަނބަލުން ފޭރާންލައި އުޅުމުގައިވެސް ބަލަންވީ ހަމައެގޮތެވެ. ފޭރާންލާންވީ އަމިއްލަ ހިތްހަމަޖެހުމަކަށް ނޫނެވެ. އަދި އެހެން މީހަކު ނުވަތަ ބައަކު ރުހޭނެ ގޮތަކަށްވެސް ނޫނެވެ. ހަމައެކަނި ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށެވެ. އެގޮތް ޤުރްއާނުގައި އެއޮތީ ފެންނާށެވެ! ހެދުން ހުންނަންވީ އިންތައް އެއޮތީ އެނގޭށެވެ!
އަދި ބުނަން ހެއްޔެވެ؟ އެހެން ދީންތަކުގެ މީހުންގެ ވާހަކަ ޙުއްޖަތަކަށް ނުދައްކާށެވެ! ކޮންމެ ދީނެއްގައިވެސް އަސާސްތަކެއް ހުރެއެވެ. އަޚްލާޤްތަކެއްވެއެވެ. އަސާސްތައް އެންމެ ފުރިހަމަވެފައި ރިވެތި އަޚްލާޤަށް އެންމެ ބޮޑަށް އިސްކަން ދެނީ އިސްލާމްދީންކަން ހެޔޮ ވިސްނޭ އެންމެންވެސް މިހާރު ޤަބޫލުކުރެއެވެ. އެއީ ޝައްކވެސް ކުރަންޖެހޭ ކަމެއް ނޫނެވެ. ވީމާ އެކަންކަން ބޮލާލާ ޖަހާފައި ދީނޭ ނުކިޔާށެވެ!
ބައެއް ކަނބަލުން މިހާރު ނިވާވެގެން އުޅޭ މިންވަރަށް ނިވާވެގެން އުޅުން ހުއްދަކުރާ އެއްވެސް ދީނެއް ނެތެވެ. ދެފޮތިކޮޅުން ނިވާވެގެންނާއި ހަށިގަނޑުން ބޮޑުބައެއް ހާމަކޮށްގެން އެއުޅެނީ އެއްވެސް ދީނެއްގައި އެކަންކުރަން ހުއްދަކުރާތީއެއް ނޫނެވެ. އެއީ ބައަކު އަމިއްލައަށް އުފައްދައިގެން އުޅޭ ނުބައި ކަންތައްތަކެކެވެ.
ކޮންމެއަކަސް އަހުރެމެންނަކީ މުސްލިމުންނެވެ. ބަލަން އޮތީ އިސްލާމް ދީނަށެވެ. މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން