މައިންބަފައިން މުސްކުޅިވުމުން އެމީހުންނަށް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ދަރިންގެ ލޯތްބާއި އަޅައިލުމެވެ. އެމީހުންނަށް ސަމާލުކަން ދިނުމެވެ. އެމީހުންގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރުމެވެ.
ޢުމުރުން ދުވަސްވެ މުސްކުޅިވިނަމަވެސް އަބަދު ގޭގައިތިބެންވުމުން އެމީހުންވެސް ފޫހިވާނެއެވެ. ދަރިންނަށް ބުރައަކަށްވެދާނެތީ ގެއިން ބޭރަށް ގެންދަން ނުބުނެފާނެއެވެ. އެއީ އެމީހުން ބޭނުން ނުވާތީއެއް ނޫނެވެ. އެވަރު ވިސްނަން ޖެހޭނީ ދަރިންނެވެ.
މިއީ އަޅުގަނޑުމެންގެ ތެރޭގައި ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމަކަށްވުމުން މިކަމުގައި ވަރަށް ޢިބްރަތްތެރި ލިޔުމެއް ގެނެސްދޭނަމެވެ. ވިދާޅުވާށެވެ!
ޒުވާނަކު އެންމެ އަގުބޮޑު ރެސްޓޯރަންޓްތަކުގެ ތެރެއިން ރެސްޓޯރަންޓަކަށްވަނީ މުސްކުޅި ބައްޕަ ގޮވައިގެންނެވެ. ބައްޕައަށް ހިނގެނީވެސް އެހީތެރިކަމާއިއެކުގައެވެ. އަތް ތުރުތުރުއަޅާ ވަރުން ކެވެނީވެސް ވަރަށް އުނދަގުލުންނެވެ. ބައެއް ފަހަރު ގައަށްވެސް އެޅެއެވެ.
އެ މަންޒަރު ބަލަންތިބި މީހުން ޒުވާނާއަށް ފާޑުކިޔައިހެދިއެވެ. ނަމަވެސް ޒުވާނާއަޅއެއް ނުލައެވެ. ބައްޕަ ކައި ނިމުމުން ގޮވައިގެން ގޮސް ސާފުކޮށްލައި މޫނުވެސް ދޮއްވާލައި އަދި ފުނާވެސް އަޅައިދީ ރީތިކޮށްލައިގެން ގެނެސް ބޭންދުމުން އެންމެން ތިބީ ޙައިރާންވެފައެވެ. ދަރިއަކު ބައްޕައަށް ކޮށްދިން ޚިދުމަތް ފެނުމުންނެވެ. އަދި ލަދުވެތިވެސް ވެފައެވެ. އެއީ އެމީހުންގެ މައިންބަފައިންނަށް އެފަދަ ޚިދުމަތެއްކޮށްނުދެވޭތީއެވެ.
މިވާހަކަކޮޅު ފެނުނީ ސޯޝަލް މީޑިއާއިންނެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ހިއްޞާކޮށްމިލަނީ މިއީ ހަމަ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހްމާލުވެވިފައި އޮންނަ ކަމަކަށްވާތީއެވެ. ވަރަށް ގިނައިން ފެންނަ އެއްކަމަކީ ކައިގެން ދަމުން ގޭގައި ތިބި މައިންބަފައިންނަށް ޕާރުސަލް ގެންގޮސްދޭތަނެވެ. ސުވާލަކީ އެމީހުންވެސް ދަރިންނާއިއެކު އައިސް ހިތްހަމަޖެހުން ލިބެން ބޭނުންވާނެއިރު އެމީހުން ނުގެނެސް އެކަންކޮށްދެވިދާނެހެއްޔެވެ؟ ޕާރުސަލްކޮށްގެން ހިތްހަމަޖެހުން ގެންގޮސްދެވިދާނެހެއްޔެވެ؟
ވިސްނައިލާށެވެ. ކުދިން ކުޑައިރު މައިންބަފައިން އެކުދިން ރެސްތޯރަންޓްތަކަށް ގެންދެއެވެ. ކާއިރު ގައަސްވެސް އެޅެއެވެ. ދޮވެދީ ރީކޮށްދެނީ މައިންބަފައިންނެވެ. ވީމާ އެމީހުންނަށް އެޚިދުމަތްދޭން ދަރިން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ މާލީ ޙާލުހުރި ގޮތުން މައިންބަފައިންނަށް ދަރިން ރެސްޓޯރަންޓްތަކަށް ނުގެންދެވުނު ނަމަވެސް ދަރިންނަށް އެފަދަ ތަނަވަސްކަމެއް ލިބުމުން މައިންބަފައިން ހިތްހަމަޖައްސައި ނުދޭންވީ ކީއްވެގެން ހެއްޔެވެ؟
އެކަން އެންމެ ރަނގަޅަށް އަޅުގަނޑުގެ މައިންބަފައިންނަށް ކޮށްދެވޭކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ވީވަރަކުން ތަންތަނަށް ގެންދަމެވެ. ނުދާން އުޅުނަސް ނުދިއުމުން މާމަ/ކާފަ ދަރިން ދެރަވާނެ ކަމަށްބުނެގެންވެސް ގެންދަމެވެ.
- ޢައިޝަތު ޒޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް