އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށާއި ދަރިފުޅަށް އަޅައެއް ނުލައެވެ. އެންމެ ކުޑަމިނުން ދަރިފުޅު ސްކޫލަށް ގެންގޮސް ގެނެސް ހަދަންޖެހެނީވެސް އަޅުގަނޑަށެވެ. އަޅުގަނޑު ބަލިވުމުން ޑޮކްޓަރަށް ދައްކައިނުދޭތަނުގައި ދަރިފުޅު ބަލިވެގެން ބުނިނަމަވެސް އަޅައެއް ނުލައެވެ. ޑޮކްޓަރަށް ނުގެންދާނަމެކޭ ނުބުނެއެވެ. އެކަމަކު 3،4 ދުވަސްވާއިރުވެސް ޑޮކްޓަރަށް ދައްކައިދެވޭކަމަށް ނުހަދައެވެ. އަޅުގަނޑަށާއި ދަރިފުޅަށްވެސް ޚަރަދުކުރަންޖެހެނީ އަޅުގަނޑުގެ ޢާއިލާއަށެވެ.
މިފަދަ ޙާލުގައި އުޅެއުޅެ ވަރުބަލިވެއްޖެއެވެ. ވަރިވާން އެދުމުން ވަރިކޮށެއް ނުދެއެވެ. އަޅުގަނޑުގެ ސުވާލަކީ އަޅައިނުލައި، ޚަރަދުނުކޮށް، ވަރިނުކޮށް ހިފެހެއްޓުން ފިރިންނަށް ހުއްދަތޯއެވެ؟
ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ މައްސަލައަކީ ވަރަށް ގިނަ އަންހެނުން ފާހަގަކުރާ މައްސަލައެކެވެ. ތިރީގައި އެވަނީ ހަމަ ތިއަފަދަ މައްސަލައެއްގައި އަންހެނަކު ކުރިން ކޮށްފައިވާ ސުވާލާއި ޖަވާބެވެ.
"އަޅުގަނޑަކީ 6 އަހަރާއި 13 އަހަރުގެ 2 ދަރިންގެ މަންމައެވެ. ކައިވެނި ކުރީންސުރެ ޖެހެމުން އަންނަ މައްސަލަތައް ޙައްލުނުކުރެވި ދިގުލަމުން އައިސް ފިރިމީހާ އާއިއެކުގައި ދިރިއުޅެވޭނެ އެއްވެސް މަގެއް ނުފެނުމުން ވަރިވާން އެދި ކޯޓަށް ފޯމުލައިގެން އުޅޭ އަންހެނަކީމެވެ. މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. އަދިވެސް ފިރިމީހާ އަޅުގަނޑު ވަރިއެއް ނުކުރެއެވެ. ކޯޓުން ވަރިކޮށެއްވެސް ނުދެއެވެ.
ފިރިމީހާ އަޅުގަނޑު ވަރިނުކޮށް ހިފަހައްޓާއިރު އަޅުގަނޑަށް ޚަރަދެއް ނުކުރެއެވެ. މަޖުބޫރުކުރަނީ އޭނާ ބޭނުންވުމުން އޭނާ އާއިއެކު ގުޅުން ބާއްވާ މީހެއްގެ ގޮތުގައި ހުރުމަށެވެ.
އަޅުގަނޑުގެ ސުވާލަކީ މިއީ އިސްލާމް ދީނުގައި މިކަން އޮތްގޮތްތޯއެވެ؟ ވަރިވެސް ނުކޮށް ޚަރަދުވެސް ނުކޮށް ހުރުން ފިރިމީހާއަށް ހުއްދަތޯއެވެ؟"
ޖަވާބު:
"ވަރި ނުކުރާނަމަ ޚަރަދުކުރަންޖެހޭނެއެވެ. އެއީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ."
ހަމަ މިފަދަ ސުވާލެއްގެ ޖަވާބުގައި ޝައިޚް ޢާޞިމް އަލްޙަކީމް ވިދާޅުވެފައިވަނީ އަނބިމީހާ ވަރިވާން ބޭނުންވި ނަމަވެސް ފިރިމީހާ ވަރިކުރަން ބޭނުންނަމަ ދެމީހުން ޞުލްޙަވާން މަސައްކަތްކުރުމަށްޓަކައި ވަރިނުކޮށް އެކަމަށް މަސައްކަތްކުރުން ހުއްދަކަމަށެވެ. ނަމަވެސް އަނބިމީހާގެ ޚަރަދުތައް ބަލަހައްޓައި ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. ނޫންނަމަ ފިރިމީހާ ފާފަވެރިވާނެ ކަމަށެވެ