ދުޢާޢިޖާބަ ކުރެއްވެވުން ލަސްވެގެން މާޔޫސްވި އަންހެނަކަށް ފެނުނު ހުވަފެން- ޢިބްރަތް ޙާޞިލްކޮށްފިނަމަ ފައިދާކުރާނެ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދުޢާޢިޖާބަ ކުރެއްވެވުން ލަސްވެގެން މާޔޫސްވި އަންހެނަކަށް ފެނުނު ހުވަފެން- ޢިބްރަތް ޙާޞިލްކޮށްފިނަމަ ފައިދާކުރާނެ ފިލާވަޅެއް!

އޭނާއަކީ ތަޤްވާވެރިއެއްވެސް މެއެވެ. ނަމަވެސް ޝައިޠޯނާގެ ބަހަށް ހެއްލެވުނީއެވެ. އޭނާއަށް ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދި ދުޢާކުރަމުން ގެންދާތާ 3 އަހަރުވީއިރުވެސް ދުޢާއިޖާބަ ނުކުރަވަވާތި (ހެޔޮލަފާ ފިރިއަކު ނުދެއްވަވާތީ) އޭނާއަށް ބުނެވުނެވެ. "އަޅެ ކިހައި ދެރަހެއްޔެވެ؟ އަހުރެންގެ މިދުޢާ ޢިޖާބައެއް ނުކުރެއްވެވިއެވެ." 

އެރޭ އޭނާއަށް ނިދީގައި ފެނުނު ހުވަފެނެއްގައި ހުދުހެދުމުގައި ހުރި، މޫނުމަތި ވަރަށް އުޖާލާ، މުސްކުޅި މީހަކާއި ބައްދަލުވިއެވެ. އޭނާ ބުންޏެވެ. "ދަރިފުޅާއެވެ! ދަރިފުޅަށް މިއަދު ތިއަ ކުރެވުނީ ވަރަށް ދެރަކަމެވެ. ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދި ދުޢާކުރަމުންގެންދާތާ 3 އަހަރުވީ ނޫންހެއްޔެވެ؟ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެގެން މިއަދު ޝަކުވާކޮށްފިންދޯއެވެ؟ ދަރިފުޅަށް ކުރެވުނު ދެރަކަމަކީ އެއީއެވެ. އެޝަކުވާ ކުރިއިރު އެމީހާ ހުރީ ދަރިފުޅާއި ބައްދަލުކުރަންގޮސް ތިގެއާއި ވަރަށް ކައިރީގައެވެ. ދަރިފުޅުގެ ދުލުން ޝަކުވާގެ ބަސް ބުނެވުނުތަނާ އޭނާގެ ވިސްނުން ބަދަލުވެ ދުރަށް ދިއައީއެވެ.

މިބުނަނީ ތެދެއްކަން ޔަޤީންކުރަން ބޭނުންހެއްޔެވެ؟ ދަރިފުޅު ކުރަމުން އައި ދުޢާ ކުރުން ހުއްޓައިނުލާށެވެ! ކުރަމުން ގެންދާށެވެ! މިރޭ މިވަޤުވެސް ހޭލެވުމާއިއެކު މިއަދު ބުނެވުނު ޝަކުވާގެ ބަހަށް ﷲ ތަޢާލާގެ ޙަޟްރަތުން މަޢާފަށް އެދޭށެވެ. ތައުބާވާށެވެ! އަސްތަޣްފާރުކުރާށެވެ! ދެން އެފަދަ ބަހެއް ތަކުރާރުނުކުރަން މަސައްކަތްކުރާށެވެ!

ދާދިއަވަހަށް ދަރިފުޅަށް ދަރިފުޅު ބޭނުންވެގެން ތިއައުޅޭ ސިފަތައް ހުރި ފިރިހެނަކު ދެއްވަވާނެތެވެ. އިން ޝާ ﷲ " 

ނިދީން ހޭލެވުމާއިއެކު ވިސްނައިލެވުނެވެ. ކޮންމެ ހުވަފެނަކީ ތެދަކަށް ނުވާނެއެވެ. ނަމަވެސް އެމީހާ އެދެއްކީ ވަރަށް ތެދު ޙަޤީޤީ ވާހަކަތަކެކެވެ. އެހެންވީމާ ދެން އޮތީ އެމީހާ ބުނިފަދައިން ކަންކަން ކުރުމެވެ. 

އަވަސް އަވަހަށް ތެދުވެ ވުޟޫކޮށްލައިގެން އައިސް 2 ރަކްޢަތް ނަމާދެއްކޮށްލައި އެމީހާ ބުނިފަދައިން ކަންކަންކުރިއެވެ. ބުނެވުނު ބަހަށް ތައުބާވިއެވެ. ފާފަފުއްސަވައިދެއްވެވުން އެދި ދުޢާކުރިއެވެ. އަސްތަޣްފާރުކޮށް ޛިކުރުކުރުން ކުރިއަށްވުރެ ގިނަކުރިއެވެ. 

ނަތީޖާވެސް ފެނުނެވެ. މަހެއްހައި ދުވަސް ނުވަނީސް އޭނާ އެދުނު ފަދަ ފިރިއަކު އޭނާއަށް ލިބުނެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެގެން މާޔޫސްނުވާށެވެ! ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ! ދުޢާކުރަން ފޫހިވެ ވަރުބަލިނުވާށެވެ! އެކަމެއް ޙާޞިލްވުމުން ތިބާއަށް އެންމެ ފައިދާކުރާނެ ވަޤުތުގައި އެކަމެއް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން