ދަރިން ދީނާ ދުރުވަނީ ފަހުޒަމާން ކަމަށްވެގެން ކަމަކަށް ނުބުނެވޭނެ! މައިންބަފައިންނަށް ޒިންމާ އުފުލަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދަރިން ދީނާ ދުރުވަނީ ފަހުޒަމާން ކަމަށްވެގެން ކަމަކަށް ނުބުނެވޭނެ! މައިންބަފައިންނަށް ޒިންމާ އުފުލަން ޖެހޭނެ!

އަހުރެމެންނަށް މިއަދު މިފެންނަ ކޮންމެ ޢަލާމާތަކީ ޤިޔާމަތްވުން "ވަރަށް" ގާތްވެއްޖެ ކަމުގެ ޢަލާމާތެއް ކަމަށް ބުނާކަށް ނެތީމެވެ. މިއަދު މިފެންނަ ބައެއް ކަމަކީ މީގެ 100 އަހަރުކުރިންވެސް ފެނުނު ކަންކަމެވެ. 

މިޘާލަކަށް އަބަދުވެސް އެކިވެރުގެ ބިންހެލުންތައް ކުރިމަތިވެއެވެ. ނަމަވެސް މިހާރު ކުރިމަތިވާ ޢަދަދު ގިނަވީއެވެ. އެކަމުން އަހުރެންނަށް ވިސްނޭ މާނައަކީ ޤިޔާމަތްވުން ކައިރިވަމުން އަންނަ ކަމެވެ. 

ދެންވިސްނައިލަންޖެހޭ ކަމަކީ ފާއިތުވާ ކޮންމެ ދުވަހަކީވެސް ދުނިޔޭގެ ޢުމުރުން ގެއްލިގެންދާ ދުވަހެއް ކަމެވެ. ދުނިޔެއަށްވެސް ޢުމުރެއްވެއެވެ. އެޢުމުރު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

އަހުރެމެންނަށް ކުރަން އޮތް ކަމަކީ އަހުރެމެންގެ ޢުމުރުގެ ކޮންމެ ދުވަހަކީވެސް ފާއިތުވުމުން އަނބުރައި ނުހޯދޭނެ ދުވަހެއްކަން ޤަބޫލުކޮށް އާޚިރަތް ލިބިގަންނަން މަސައްކަތްކުރުމެވެ. އެންމެ ކުޑަމިނުން މާދަމާއަކީވެސް ތިމާ އާއި ބައްދަލުނުވެދާނެ ދުވަހެއްކަމަށް ޤަބޫލުކޮށްގެން ހެޔޮ ޢަމަލުތައް ކުރަމުން ގެންދިއުމެވެ. 

ހަމައެޢާއިއެކު އިތުރުކަމެއްވެސް ފާހަގަކޮށްލާނަމެވެ. ދަރިން އިސްލާްމް ދީނާއި ދުރުހެލިވާނަމަ، އިސްލާމް ދީން ހުއްދަނުކުރާ ކަންކަން ކުރާނަމަ، ދީނުގައި ކުރަން އަންގަވާފައިވާ ކަންކަން ނުކުރާނަމަ، ކުރުގޮތަކަށް ޖުމުލަކޮށްލާފައި ބުނާނަމަ ދީނަށް ޢަމަލުނުކުރާނަމަ އެކަން މެދުވެރިވަނީ މިއީ ފަހުޒަމާން ކަމަށްވެގެން ކަމަށް ހަދާފައި ނިންމައިނުލާށެވެ! އެއީ ކުރެވޭނެ ކަމެއް ނޫނެވެ. 

މިއީ ގިނަ ބައަކު އެޤަބޫލުކުރާ ފަހުޒަމާނުގެ ދުވަސްތަކެއް ނޫނެވެ. އަދި ފައުޅުވަމުން ދަނީ ކުދި ޢަލާމާތްތަކެވެ. ފަހުޒަމާނުގައި ފައުޅުވާނެ ބޮޑެތި ޢަލާމާތްތައް އަދި ފައުޅެއް ނުވެއެވެ. 

ވިސްނާށެވެ! އިސްލާމް ދީނަކީ މިހާރުވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނެވެ. ކޮންމެ ދުވަހަކުހެން އެހެން ދީންތަކުގެ މީހުން އަންނަނީ އިސްލާމްވަމުންނެވެ. އެއިގެ މާނައަކީ އިސްލާމް ދީން ދިރެމުން އަންނަ ކަމެވެ. އިސްލާމް ދީން ދިރި ފުޅައުވަމުން އަންނައިރު އެމީހާގެ ނުވަތަ ދަރިންގެ އީމާންކަން ކުޑަވެ ދީނާއި ދުރުހެލިވެވޭނަމަ އެއީ އެމީހެއްގެ މައްސަލައެކެވެ. އެކަން އިޞްލާޙްކުރުމަކީ އެމީހެއްގެ ކަމެކެވެ. އެމީހެއްގެ މަސްއޫލިއްޔަތެކެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން