ޢިބްރަތްތެރި ވާހަކަ: ނުރުހުމުގަ ދެވަނަ ކައިވެނިކޮށް ދޮށީއަނބިމީހާ ހިތުގަ ޖައްސާ މީހުންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޢިބްރަތްތެރި ވާހަކަ: ނުރުހުމުގަ ދެވަނަ ކައިވެނިކޮށް ދޮށީއަނބިމީހާ ހިތުގަ ޖައްސާ މީހުންނަށް އަގުހުރި ފިލާވަޅެއް!

އަޅުގަނޑުގެ ކުށެއް ނެތި ފިރިމީހާ 2 ވަަނ ކައިވެނިކޮސްފިއެވެ. ހަގުއަނބި ގެއަށް ގެނެސްފިއެވެ. މިއީ ދެކެން ކުޅަދާނަ ކަންކަމެއް ނޫނެވެ. އެކަމަކު ދަރިން ތިބުމުން ނުކުމެގެން ދެވޭކަށްވެސް ނެތެވެ. މިޙާލަތުގަ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ 

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ހިތްވަރުކޮށްލާފައި ދެވަނަ މަގެއް ހޯދަން މަސައްކަތްކުރާށެވެ! ދުޢާކުރާށެވެ! މަގެއް ދައްކަވާނެތެވެ! އިން ޝާ ﷲ. ތިރީގައި އެވަނީ ތިއަފަދަ ޙާލަތެއް ކުރިމަތިވި އަންހެނަކު އޭނާގެ ޙަޔާތް ކާމިޔާބުކުރި ގޮތުގެ ވާހަކައެވެ. ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. 

އަހަރެމެން ދެމަފިރިންނަށް ދަރިއަކު ލިބުނީ ކައިވެންޏަށް 7 އަހަރުގައެވެ. ދަރިފުޅު ލިބުމުން އަހަރެންގެ ބުރުސޫރައަށް ބަދަލުތަކެއް އަންނަންފެށިއެވެ. ފަލަވެސްވިއެވެ. އެހިސާބުން ފިރިމީހާއަށް އަހަރެން ކަމަކު ނުދިއައެވެ. މަޑުމަޑުން ދުރުކުރަމުން ގޮސް އަހަރެން އެކުގައިހެން ދުރުކޮށްލިއެވެ. 

ދުވަސްކޮޅަކުން އަހަރެންގެ ނުރުހުމުގައި ދެ އަންތބަށް ކައިވެނިވެސް ކުރިއެވެ. އަދި އެއަންހެން މީހާ ގެއަށް ގެނެސް ގެންގުޅެން ފެށިއެވެ. އެއްކޮޓަރީގައި އެ 2 މީހުންނެވެ. އަނެއް ކޮޓަރީގައި އަހަރެންނާއި ދަރިފުޅެވެ. 

އެޙާލަތުގައި ހިތަށް ކެތް ކުރެވެނީއެއް ނޫނެވެ. ނަމަވެސް އެޙާލަތުގައި ދަރިފުޅު ގޮވައިގެން ގޮސް ވަންނާނެ ތަނެއް ނެތުމުން ކެތްތެރިވީއެވެ. ފެންނަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން ހުރީއެވެ. ނަމަވެސް ލިބުނު ވިސްނުމަށް ކަށި ހިތްވަރު ނެރެގެން ފައިސާ ހޯދަން މަސައްކަތް ފެށީމެވެ. އެގޮތުން ލިބޭ ހުސްވަގުތުތަކުގައި ފަހަން ފެށީމެވެ. ދަރިފުޅު ސްކޫލަށް ގެންދަން ފެށުމުން ލިބޭ ހުސްވަގުތުގައި ކުދިންނަށް ފަހަން ދަސްކޮށްދޭންވެސް ފެށީމެވެ. 

އެއިގެ ދުވަސްކޮޅެއް ފަހުން އޮފީހުން ޖެހުނު މައްސަލައެއްގައި ފިރިމީހާ ވަޒީފާއިން ވަކިކުރިއެވެ. މުސާރަ ނުލިބި ދުވަސްކޮޅެއްވާއިރަށް ޖަމާކޮށްފައި ހުރި ފައިސާކޮޅުވެސް ހުސްވެއްޖެއެވެ. އެހިސާބުން ދެވަނަ އަނބިމީހާ ވަރިވެގެން ހިނގައްޖެއެވެ. 

އެއިގެ ދުވަސްކޮޅެއްފަހުން އަހަރެންވެސް ވަރިވާން އެދުނީމެވެ. ނަމަވެސް އާދޭސްކޮށްފައި ބުނީ މާފުކުރުމަށެވެ. އަހަރެން ބުނީމެވެ. "މާފުކޮށްފީމެވެ. ނަމަވެސް އެތައް އަހަރެއް ވަންދެން ލޯމަތީގައި ކުޅުނު ފިލްމުގެ ހަނދާން ނައްތައެއް ނުލެވޭނެއެވެ. މާފުކުރުމާ ހަނދާން ނައްތައިލުމާ އެއީ ތަފާތު ދެކަމެކެވެ. 

ދާދި ގާތުން އަހަރެން ފްލެޓެއް ގަނެފީމެވެ. އެޑްވާންސްވެސް ދައްކައިފީމެވެ. އަހަރެން މިބަދަލުވަނީއެވެ. ބަލިވެއްޖެނަމަ ބަލާނަމެވެ. ކޮންމެ ވަގުތަކު އައި ނަމަވެސް ކާންދޭނަމެވެ. ނަމަވެސް އަމިއްލައަށް ދޮވެ އިސްތިރިކޮށްލާށެވެ! އެއީ އެ ރީތި އަނބިމީހާގެ ހަނދާނުގައި އަހަރެންދޭ ހަދިޔާއެކެވެ. ހަމަ ގައިމުވެސް އަމިއްލައަށް އެކަންކަން ކުރާއިރު މިހައިތަނަށް އެކަން ކޮށްދިން މީހަކު ހުރިކަން ހަނދާންވާނެ ނޫން ހެއްޔެވެ؟" 

ވަރިކުރީ ގެއިން ދިއަތާ 4 މަސްފަހުންނެވެ. އެއިގެ ފަހުން 5 އަހަރުވެއްޖެއެވެ. އިތުރު ކައިވެންޏެއް ކުރާނެ ހިތްވަރު ނެތުމުން ކައިވެންޏެއް ނުކުރަމެވެ. ހުރިހާވެސް މަޤްޞަދަކީ ދަރިފުޅު ބޭނުންވާފަދަ ޑޮކްޓަރަކަށް އޭނާ ހެދުމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ގެދޮރުނެތުމުން މާޔޫސްވެ އަޅުވެތިވާންޖެހޭ ދުވަސް މާޒީވެ ހިނގައްޖެއެވެ. ގެދޮރު ހޯދުމުގެ ފުރުޞަތު އެންމެންނަށްވެސް އެބައޮތެވެ. ކުއްޔަށްވެސް ހިފޭނެއެވެ. ބޭނުންވަނީ ހިތްވަރެވެ. ހިތްވަރު ހުރެފައި މާތް ﷲ އަންގަވާފައިވާ މަގުގައި ސާބިތުވެހުރިނަމަ ކުރިއަށް ދެވޭނެ މަގު ދައްކަވާނެތެވެ! އިން ޝާ ﷲ 

- ފަރީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން