މުސްލިމުންނަށް ކާމިޔާބާ ކުރިއެރުން ނުލިބިގެން މިއުޅޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މުސްލިމުންނަށް ކާމިޔާބާ ކުރިއެރުން ނުލިބިގެން މިއުޅޭ ސަބަބު-

މިއަދު މުޅި ދުނިޔެއަށްވެސް ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ކޮންމެވެސް ވަރެއްގެ ބާރެއް ލިބޭއިރަށް ތިމާމެންނަކީ އެންމެ ބާރުގަދަ ފަރާތްކަމަށް ޤަބޫލުކުރެވެނީއެވެ. ތިމާމެންގެ ބާރުވެރިކަން ތިމާމެންގެ ކިބައިން ބީވެގެން ނުދާނެކަމަށް ޤަބޫލުކުރެވެނީއެވެ. 

އެމީ އެމެރިކާކަމަށްވީނަމަވެސް އަދި އިޒްރޭލްކަމަށްވީނަމަވެސް އަދި އެހެން ޤައުމެއްކަމަށްވީނަމަވެސް އަދި ދުނިޔޭގެ އެންމެ ބޮޑު ޖަމާޢަތްކަމަށްވާ އދ ކަމަސްވީނަމަވެސް ބުނެލަން އޮތީ ލިބިގެން ތިއައުޅޭ ބާރުވެރިކަން ދާދި އަވަހަށް އަތުން ބީވެގެން ހިނގައިދާނެއެވެ. 

މިއީ އަހުރެން ދައްކާ ވާހަކައެއް ނޫނެވެ. މާނައަކީ އަހުރެންގެ ޚިޔާލަށް ދައްކާ ވާހަކައެއް ނޫނެވެ. ނިކަން ބުނެބަލާށެވެ! މިހައިތަނަށް ދުނިޔޭގައި އުފެދުނު ބޮޑެތި ބާރުތައް ކޮބައިހެއްޔެވެ؟ މުޅި ދުނިޔެއަށް ބާރު ފޯރުވައި ޤައުމުތައް އަޅުވެތިކުރަމުން ދިއަ ޤައުމުތަކާއި ވެރިން ކޮބައިހެއްޔެވެ؟ 

ބާރަކީ ފައިސާވެރިކަން ބޮޑުވެފައި ޒަމާނީ ހަތިޔާރު ގިނަވުމަކުން ލިބޭނެ އެއްޗެއް ނޫނެވެ. ކޮންމެ ބައަކަށްވެސް ބާރު ދެއްވަވަނީ ﷲ ތަޢާލާއެވެ. އަނބުރައި ގެންދަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. އެކަން ޤަބޫލުނުކުރެވޭނަމަ ބާރު ނެތި ނިކަމެތިވުން އޮންނާނީ ދާދި ގާތުގައެވެ. 

މުސްލިމުންނަށް ބުނެލަން އޮތީ ދެރަވެ މާޔޫސްނުވާށެވެ! ބާރުގަދަވެގެން އުޅޭ އެއްވެސް ފަރާތަކަށް ބިރުވެތިނުވާށެވެ! ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވުމުގައި ޘާބިތުވެލާށެވެ! ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ. 

މުސްލިމުން ކުރި ހަނގުރާމަތައް ކާމިޔާބުކުރެވިފައިވަނީ މުސްލިމުންގެ ޢަދަދު ގިނަވެފައި އަތުގައި ހުރި ހަތިޔާރު ގިނަވެގެނެއް ނޫނެވެ. އެމީހުންގެ އީމާންކަން ވަރުގަދަވުމުންނެވެ. ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވީތީއެވެ. ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުނީތީއެވެ. 

މިއަދު މުސްލިމުންނަށް ކުރިއެރުމާއި ކާމިޔާބީ ނުލިބިގެން މިއުޅޭ ސަބަބަކީ އެކަންކަން ދޫކޮށްލެވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ އަޅުވެތިވުމުގެ ބަދަލުގައި ﷲ ތަޢާލާ ބާރުދެއްވެވި ބައަކަށް ބިރުގަނެ އަޅުވެތިވެވޭތީއެވެ. އެކަން އިޞްލާޙްކޮށްލައިފިނަމަ ހުރިހާ ކަންކަން ބަދަލުވެ އެންމެ ބާރުގަދަ ބައަކީ މުސްލިމުން ކަމުގައިވެގެންދާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން