ހަވާ ނަފްސް އެދޭ ކަންކަން ކުރުމަށްފަހު މީހަކުވެސް، ޝައިޠޯނާވެސް ކުށްވެރިއެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހަވާ ނަފްސް އެދޭ ކަންކަން ކުރުމަށްފަހު މީހަކުވެސް، ޝައިޠޯނާވެސް ކުށްވެރިއެއް ނުކުރެވޭނެ!

ބައެއް މީހުން އެމީހުންގެ ހަވާ ނަފްސް ކުރަން އެދޭ ކަންކަން ކުރުމަށްފަހު، އަންހެނުން، ފިރިހެނުން ނުވަތަ ބަނގުރާ، ޑްރަގް ކުށްވެރިކުރެއެވެ. އަދި ޖުވާކުޅުމުން ފައިސާތައް ގެއްލިގެން ދިއުމުން ޖުވާ ކުށްވެރިކުރެއެވެ. އަދި އެކުގައި އުޅޭ އެކުވެރިންވެސް ކުށްވެރިކުރެއެވެ. 

އެގޮތް އަހުރެން ޤަބޫލެއް ނުކުރަމެވެ. އެއްވެސް މީހަކަށް ތިބާލައްވައި އެއްވެސް ފާފައެއް ނުކުރުވޭނެއެވެ. ޝައިޠޯނާއަކަށްވެސް ނުކުރުވޭނެއެވެ. ފާފަކުރެވޭނީ އެމީހަކު އެކަމެއް ކުރުމުންނެވެ. 

ޝައިޠޯނާ ޤިޔާމަތް ދުވަހު ބުނާނެ ބަސްވެސް އޮތީ އެނގޭށެވެ! "ކަލޭ ލައްވައި އެއްވެސް ފާފައެއް ތިމަންނާ ނުކުރުވަމެވެ. ފާފަކުރުވުމުގެ ބާރެއްވެސް ތިމަންނާއަށް ލިބިގެނެއް ނުވެއެވެ. ތިމަންނާ ކުރި ހަމައެކަނި ކަމަކީ ފާފަކުރަން ބުނުމެވެ. ވަސްވާސް ދިނުމެވެ. ފާފަކުރީ ކަލޭ އަމިއްލައަށެވެ. ވީމާ މިއަދު އަހަރެން ކުށްވެރިނުކުރާށެވެ!" 

ކައިވެނިކޮށްގެން ހުރިނަމަ ތިމާއަކީ ޒިންމާދާރު މީހަކުކަން ޤަބޫލުކުރުމަކީ އެމީހަކު ކުރަންޖެހޭނެ ކަމެކެވެ. ވަފާތެރިވާންޖެހޭ ބައިވެރިއަކު ހުރިކަން ވިސްނުމަކީ އެމީހަކު ކުރަންޖެހޭނެ ކަމެކެވެ. އެއިގެ އިތުރުން ތިމާއަށް މިކުރެވެނީ ފާފައެއް ކަމާއި ފާފަކުރުމުން ﷲ ތަޢާލާ ޢަޛާބް ދެއްވަވާނެކަން އެނގޭއިރު އެކަމަށް ބިރުވެތިވުމަކީ އެމީހަކު ކޮންމެހެން ކުރަންޖެހޭނެ ކަންތަކެވެ. 

ވީމާ ތިމާ ކުރަންޖެހޭ ކަންކަން ނުކޮށް ހުރެފައި، ހަވާ ނަފްސް އެދޭ ގޮތަށް ކަންކަން ކޮށްފައި އެކަމުން ރެކެވޭނެ އެއްވެސް ބަހަނާއެއް ދެއްކޭނެ ކަމަށް ހީނުކުރާށެވެ! އެއީ ކުރެވޭނެ ކަމެއް ނޫނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޒިންމާދާރުވުމަކީ ދުލުން ބުނާ ބަސްތަކަކީ ވަރުގަދަ ބަސްތަކަކަށް ހެދުމެއް ނޫނެވެ. ކުރާ ޢަމަލުތަކަކީ ހަރުދަނާ ޢަމަލުތަކަކަށް ހެދުމެވެ. ދިރިއުޅުމާއި އަދި އާޚިރަތާއިމެދު ވިސްނާ ޒިންމާދާރު މީހުންނަކީ އެމީހުން ކުރާ ޢަމަލުތައް ސީދާކުރާ މީހުންނެވެ. ތިމާއަށް ގެއްލުންހުރި ޢަމަލުތައް ކުރުމުން ދުރުހެލިވެ ތިބޭ މީހުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން