ދަތިޙާލުގައި ޖެހޭ މީހުން ދުނިޔޭގެ ކަންކޮޅުތަކުގައި ގިނަވުމަކީ ތަނަވަސްކަމުގައި ތިބި މީހުންނަށް ސުވަރުގެ ލިބިގަންނަން ހުޅުވިގެންދާ ފުރުޞަތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ދަތިޙާލުގައި ޖެހޭ މީހުން ދުނިޔޭގެ ކަންކޮޅުތަކުގައި ގިނަވުމަކީ ތަނަވަސްކަމުގައި ތިބި މީހުންނަށް ސުވަރުގެ ލިބިގަންނަން ހުޅުވިގެންދާ ފުރުޞަތެކެވެ!

ތަފާތު ސަބަބުތައް މެދުވެރިވެ ދަތިޙާލުގައި ޖެހޭ މީހުން ދުނިޔޭގެ ކަންކޮޅުތަކުގައި ދަނީ އިތުރުވަމުންނެވެ. އެއީ ތަނަވަސްކަމުގައި ތިބި މީހުންނަށް ސުވަރުގެ ލިބިގަންނަން ފަސޭހަވެގެންދާ ކަމެކެވެ. ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެކެވެ. ވީމާ ހިތްވަރުދިނުމުގެ ގޮތުން ބުނެލަންހުރި ބައެއް ވާހަކަ ބުނެލާނަމެވެ! 

ތިބާއަށް ރަނގަޅު ވަޒީފާއެއް ލިބުނީއެވެ. މަތީމަޤާމެއް ލިބުނީއެވެ. އަދި އެނޫންވެސް ގޮތަކުން ތަނަވަސްކަމެއް ލިބުނީއެވެ. ކޮންމެ ގޮތަކުން ނަމަވެސް ތަނަވަސްކަމެއް ލިބިއްޖެނަމަ އެއީ ﷲ ތަޢާލާ ތިބާއަށް ލެއްވެވި ރަޙްމަތެކެވެ. 

ދުނިޔެއަށް ތިބާއައީ ހުސްއަތާއެވެ. ދުނިޔެއިން ނުކުމެގެންދާންވީވެސް ހުސްއަތާއެވެ. މާނައަކީ ދުނިޔެވީ ތަނަވަސްކަމުގެ ގޮތުން ފުނިވަރެއް ދޫކޮށްފައެއް ނޫނެވެ. ﷲ ތަޢާލާ ދެއްވެވި މިންވަރުން ﷲ ތަޢާލާގެ މަގުގައި ހޭދަކޮށް ހުސްކޮށްލައިފައެވެ. އެގޮތަށް ހުސްކޮށްލީމާ ހުސްވާނީ ދުނިޔޭގެ އެކައުންޓެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަކުރި ހުރިހާ އެއްޗެއް ހުންނާނީ އާޚިރަތުގެ އެކައުންޓަށް ޖަމާކުރެވިފައެވެ. އެޖަމާ ވެގެންދާނީ ތިބާ ސުވަރުގެ ވައްދަވާ ސަބަބަކަށެވެ. އިން ޝާ ﷲ  

ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާގެ މަގުގައި ހޭދަނުކޮށް ހުއްޓައި ތިބާ މަރުވެއްޖެނަމަ އެކަމާއި ސުވާލުކުރައްވަވާނެއެވެ. 

ހަނދާންކުރާށެވެ! ތަނަވަސްކަމަކީ ހުރިހާ ނިޢުމަތެއް ނޫނެވެ. އިތުރަށް ބޭނުންވެއެވެ. ތަނަވަސްކަމަކީ ހުރިހާ ކަމެއް ނަމަ ތަނަވަސްކަން ދެއްވެވި މީހުންނަށް ތަކްލީފް އިފުލާކަށް ނުޖެހުނީހެވެ. ބަލިވެސްވާނެއެވެ. ހިތާމަތަކާއި ހިތްދަތިކަންވެސް ލިބޭނެއެވެ. 

މިފަދަ ކޮންމެ ކަމަކުން އަރައިގަތުމަށްވެސް ﷲ ތަޢާލާގެ ރަޙްމަތަށް ބޭނުންވާނެއެވެ. ﷲ ތަޢަލާގެ ރަޙްމަތް އިޔުރުވަމުންދާނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި މިންވަރަކުންނެވެ. އެެހން ނަމަވެސް ގިނަމީހުންނަށްވާގޮތަކީ ﷲ ތަޢާލާ ރަހްމަތް ލެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނެތެނީއެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކިޔަމަންތެރިކަން އަދާނުކުރެވެނީއެވެ. 

ހުސްއަތާ ދުނިޔެއަށް ފޮނުއްވެވި އިންސާނާއަށް ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާގެ މަގުގައި ހޭދަނުކޮށް އިތުރަށް ގިނަކުރަން މަސައްކަތްކުރަނިކޮށް މަރުވެއްޖެނަމަ އެއީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު އެއްދެރައެވެ. އެންމެ ބޮޑު އެއް ނިކަމެތިކަމެވެ. އެހެނީ އެއިރުން އެކަމުން ކުރާނެ ޙަޤީޤީއެއްވެސް ފައިދާއެއް ނެތިފައި އަދި އާޚިރަތްދުވަހު ޖަވާބުދާރީވާންޖެހޭނެތީއެވެ. 

ލިބޭ އާމްދަނީ ކިތަންމެ މަދުވިނަމަވެސް ﷲ ތަޢާލާގެ މަގުގައި ހޭދަކުރާށެވެ. ވަކިލާރިއެއް ނަމަވެސްމެއެވެ. ތިބާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ހޭދަކުރެވޭނެ މިންވަރުވެސް ދެނެވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާގެ މަގުގައި ހޭދަކުރަން އަތުގައި އޮތް މިންވަރު މަދުވެގެން ދެރަނުވާށެވެ. މިލިއަނަރަކު ލައްކަލައްކައިން ހޭދަކުރުމަށްވުރެ ފަޤީރަކު އެންމެ ޑޮލަރެއް ހޭދަކުރުން ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކަން މާބޮޑުވެގެންވެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން