ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ސްކޫލު ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާ ކިއުމުގެ ހުއްދަދޭން ނިންމައިފިކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއީ އެމިނިސްޓްރީން ނިންމި ވަރަށް މުހިންމު ނިންމުމެއްކަން ގިނަ ބައަކު ފާހަގަކުރެއެވެ. މިހާރުވެސް އިމާމްވެ ނަމާދު އަދި ޚާއްޞަކޮށް ދަމުނަމާދުކުރާ އެތައް ދަރިވަރުން ތިބިއިރު މިފަދަ ނިންމުމެއްގެ ސަބަބުން ކުރާނެ ފައިޑާތައް ވަރަށް ގިނައެވެ.
އިމާމް ކަމަކީ މުސްކުޅި މުދިމުން ކުރަން އޮތް ކަމެއްކަމަށް ބަލައިގެން ތިބުމުން މިއީ ޙައްލަކުރަން ގިނަ ބައަކު އެދިއެދި ތިބި ކަމެކެވެ. މިފަދަ ބަދަލެއްގެ ސަބަބުން އިމާމްކަން ކުރާނެ ގިނަ ޒުވާނުންތަކެއް އުފެދިގެންދާނެއެވެ. ރިވެތިކޮށް ޤުރްއާން ކިޔަވާ އިމާމުންގެ ފަހަތުގައި ނަމާދުކުރަން ލިބުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ވަރަށް ފައިދާކުރާނެ ކަމެކެވެ.
ގުޅުންހުރި ޚަބަރު:
ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ސްކޫލު ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓް ޓީމުން މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ..
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ ރާއްޖޭގެ ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާނެ އިމާމުންނާއި ހިނަވާ މީހުން ނުތިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، މިކަމުގެ ސަބަބުން ރާއްޖޭގެ ދީނީ ޙާލަތު ވަރަށް ދަށްވެގެންދާނެކަން ފާހަގަކުރައްވާފައެވެ..
އެހެންކަމުން މި ބައްދަލުވުމުގައި އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދެވުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާގައި ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10، 11، 12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ޒުވާނުންނަށް، އިމާމުވެ ހުކުރުކޮށް ޚުޠުބާކިޔުމުގެ ހުއްދަ ދޭން ނިންމެވިއެވެ..
އެގޮތުން މި ބައްދަލުވުމުގައި ގްރޭޑް 10، 11 އަދި 12 ގައި ތަޢުލީމު ހާސިލްކުރަމުންދާ، ރީތިކޮށް ޤުރްއާން ކިޔަވާ، ދީނީ ކަންކަމަށް ލޯބި ހުންނަ ދަރިވަރުންނަށް ޚާއްސަކޮށް ޒުވާނުންގެ އިމާމުންގެ ޕޫލެއް އެކުލަވާލުމަށް، އުޞޫލެއް ކަނޑައަޅާފައިވެއެވެ. އަދި ޤުރްއާން ކިޔަވާ ފިޤުހު ކަންކަން ރަނގަޅުނަމަ އެ ދަރިވަރަކަށް ޚުޠުބާ ކިޔުމުގެ ފުރުސަތު ހަމަޖެއްސުމަށްވެސް މި ބައްދަލުވުމުގައި ނިންމާފައިވެއެވެ..
މުޅި ރާއްޖެއަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ޝަޢުޤުވެރިވާ ދަރިވަރުންނަށް ބައިވެރިވޭނޭ ގޮތުގެ ތަފްސީލު މިއަދު އިޢުލާންކުރުމަށްވެސް މި ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ..
މިއީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަޠީބުންނާއި، އިމާމުން ލިބުމުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމެއްކަން މި ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި 36 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުންނާއި، މިސްކިތް ބިނާކުރުމުގެ ޕްރޮޖެކްޓުތަކުގެ ތެރެއިން ހުއްޓިފައިވާ މަސައްކަތްތަކުގެ އަޕްޑޭޓާ ގުޅޭގޮތުންނާއި، ހުކުރު ޚުޠުބާ އިނގިރޭސި އަދި ބަންގްލަދޭޝްބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ގޮތާއިގުޅޭގޮތުން މަޝްވަރާކުރުމާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ދައުރުފުޅާކޮށް ޒަމާނީކުރުމަށް ހުށަހަޅާ ކަންތައްތައް ހިއްސާކުރައްވާފައިވެއެވެ.