އެމާއި، ފާނަ އަދި ހުއިފިލަނޑާ އާލާކުރުމަށް ގއ. މާނަގަލާގައި ތަރައްޤީކުރާ މަލްޓި-ސްޕީޝީސް ހެޗަރީގެ ބިންގާ އަޅައިފިއެވެ.
ގއ. މާނަގަލާގައި ބޭއްވި ރަސްމިއްޔާތެއްގައި މަލްޓި-ސްޕީޝީސް ހެޗަރީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރ، އަޙުމަދު ޝާފިޢު އާއި ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީންއެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަލްޓި-ސްޕީޝީސް ހެޗަރީ ފުރަތަމަ ފިޔަވަހީގައި ހެޗަރީއަށް ބޭނުންވާ ސަޕޯޓް އިންފްރާސްޓްރަކްޗަރ ޤާއިމުކޮށް އަދި ދެވަނަ ފިޔަވަހީގައި ހެޗަރީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ ތެރޭގައި ހިމެނޭ ނާސަރީތަކާއި، ލައިވް ފީޑް ޕްރޮޑަކްޝަން ފެސިލިޓީތަކާއި، ލެބޯޓަރީތަކާއި، މޫދު ކޮށިތައް ޤާއިމުކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މަސްވެރިންނަށް ބޭނުންވާ އެމުގެ ބާވަތްތަކާއި، ކުދި ފާނަ އަދި ހުއިފިލަނޑާ އާލާކުރުމަށް މިހެޗަރީން ވަނީ ހަމަޖެހިފައެވެ. މިގޮތުން، އަހަރެއްގެ ތެރޭގައި މަދުވެގެން 100 ޓަނުގެ އެމުގެ ބާވަތް، 1 މިލިއަން ކުދި ކަސްފާނަ އަދި 6 ލައްކަ ހުއިފިލަނޑާ އާލާކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ޑިޒައިން، ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި ޓްރާންސްފަރ މޮޑެލްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢު، ދުބާއީގެ އެކުއާ ބްރިޖް ގްރޫޕްއާއި ހަވާލުކޮށްފައިވަނީ 27 އޮކްޓޫބަރު 2022 ގައެވެ. މިތަން ހިންގުން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 20 އަހަރުގެ މުއްދަތަކަށެވެ.
މިއީ ދިވެހިރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ތަރައްޤީކޮށް ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޤްސަދުގައި 2017 ވަނަ އަހަރު ވާރލްޑް ބޭންކުގެ އެހީގައި، ފެށި ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރާ ތަނެކެވެ.