ހުޅުމާލެ، ހުރަވީ ސްކޫލުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ އެހީގައި ގާއިމުކުރި ވޮކޭޝަނަލް ހަބް "ހުނަރު ވެހި" ހުޅުވައިފިއެވެ.
ހުނަރު ވެހި ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ އިސްމާޢީލް ޝަފީއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ އާއި ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އިސްވެރިންނާއި، އެމް.އޭ.ސީ.އެލްގެ އިސްވެރިންގެ އިތުރުން ހުރަވީ ސްކޫލުގެ އިސްވެރިންނާއި ޓީޗަރުން އަދި ދަރިވަރުން ބައިވެރި ވަޑައިގެންނެވިއެވެ.
އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލުގައި ގާއިމުކުރި ހުނަރު ވެހި ބިނާކުރުމުގެ މަޝްރޫއަކީ، ރާއްޖޭގެ ތައުލީމީ ނިޒާމް ކުރިއެރުވުމަށާއި، އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ދަށުން، ހުނަރު ވެއްސަށް ބޭނުންވާ ވާޑާންކުރުމުގެ ސަމާނާއި، ކަރަންޓާއި ވައިރިންގ އަދި ވެލްޑިންގ ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނުތައް އެމްއޭސީއެލް އިން ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ހުނަރު ވެހި ތަރައްޤީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތައް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން އެމްއޭސީއެލް އިން ވަނީ ފޯރުކޮށްދީފައެވެ.
ހުނަރުވެހި ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމްއޭސީއެލްއަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ކުންފުންޏެއް ކަމަށްވުމާއި އެކު، ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުހިންމު ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ. އަދި ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ވަރަށް އަވަހަށް އިންޓާންޝިޕް ޕްރޮގްރާމެއް ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ހުނަރު ވެހިފަދަ ދެމެހެއްޓެނިވި ތަޢުލީމީ ބިނާއަކުން، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި ދަރިވަރުން އުފެދިގެން ދިޔުމަކީ ކުރާ އުންމީދެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.