ހައިޑްރޯގްރަފީ ސަރވޭ އެއްބަސްވުން ނިމުމަކަށް ގެންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ހައިޑްރޯގްރަފީ ސަރވޭ އެއްބަސްވުން ނިމުމަކަށް ގެންނަވައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސާރވޭ އެއްބަސްވުން ނިންމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، ހަފްތާ 14ގައި އެންމެ އިސްކަން ދެއްވާފައިވާ އެއްކަމަކީ ކުރީ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުންކަމަށެވެ.

ސަރުކާރުން މީގެ ކުރިން ހާމަކުރައްވާފައިވާގޮތުގައި ސިޔާސީ ގުޅުންތަކާއި ގުޅޭ 100 އަށްވުރެ ގިނަ އެއްބަސްވުން މިިދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ޤާއިމުކޮށްފައިވާކަމަށެވެ. އޭގެތެރެއިން އެއް އެއްބަސްވުމަކީ ރާއްޖޭގެ ކަނޑުތަކުގެ ސާރވޭކުރުމަށް ވެފައިވާ ހައިޑްރޮގްރަފީ ސަރވޭ އެއްބަސްވުމެވެ.

ފިރުޒުލް ވިދާޅުވީ އޭގެތެރެއިން ހައިޑްރޯގްރަފީ ސަރވޭގެ އެއްބަސްވުން ބަޔާންކުރާގޮތުން އެ އެއްބަވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުކަމަށެވެ. އެއްބަސްވުން ބަޔާންކުރާގޮތުގައި އެ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން 6 މަސް ދުވަހުގެ ކުރިން އެޤައުމަށް އަންގަން ޖެހޭކަމަށާއި، އެހެން ނޫންނަމަ އިތުރު ފަސް އަހަރަށް އެ އެއްބަސްވުން އައުވެގެންދާކަމަށެވެ. އެ އެއްބަސްވުން އައު ނުކުރުމަށް މިސަރުކާރުން ނިންމަވައި އެކަން މިހާރު އިންޑިއާއަށް އަންގަވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މި އެއްބަސްވުމުގައިވާގޮތުން މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 6 މަސް ދުވަހުގެ ކުރިން އެއްބަސްވުން ކުރިއަށްގެންދަން ބޭނުން ނުވާކަމަށްވާނަމަ މި އެއްބަސްވުމުގައި ހިމެނޭ އަނެއްފަރާތަށް އަންގަންޖެހޭ. އެހެންނޫނަކަމށްވާނަމަ އޮޓޯއިން އެ އެއްބަސްވުން އިތުރު ފަސްއަހަރަށް އިތުރުވެގެންދާގޮތަށް އެއްބަސްވުމުގެ މާއްދާތައް ހިމެނިފައިވަނީ. އެހެންވީމަ 7 ޖޫން 2024ގެ ކުރިއަށް 6މަސް ދުވަސް ފާހަގަވެގެންދާގޮތަށް މިހާރުވަނީ އެ އެއްބަސްވުންކުރިއަށްގެންދަން ބޭނުންނުވާކަން އެއްބަސްވުމުގަ ހިމެނޭ އިންޑިއާއާ އެކަން ހިއްސާކުރެވިފަ."

=ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހުކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. 

މިއަދު އޮންލައިން