މަކަރާއި ޙީލަތުގެ މައްސަލަތަކުގައި ޙައްޖަށް ނުދެވި ތިބި ބަޔަކު ތިބި ނަމަ އެފަރާތްތަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް އަންގަވައިދެއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ފައިސާ އަތުލުމަށްފަހު ޙައްޖަށް ނުގެންގޮސް މަކަރާއި ޙީލަތުން ފައިސާ ފޭރިގެންފައިވާ މައްސަލަތަކާއި، އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަނުޖެއްސުމުގެ ސަބަބުން ފަހު ވަގުތު ޙައްޖަށް ނުގެންދެވުމުގެ މައްސަލަތަކަކީ ދޭތެރެ ދޭތެރެއިން އަޑުއިވޭ މައްސަލަތަކެކެވެ. މިފަދަ ކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޙައްޔަރުކޮށް ފިޔަވަޅުއަޅާ ފައިސާ ގެއްލިގެންދިޔަ ޢާއްމު ރައްޔިތުންނަށް ޙައްޖަށް ދެވޭނެ މަގު ދިވެހި ދައުލަތުން ވަނީ ފަހިކޮށްދީ އެކި އަހަރުތަކުގައި ޙައްޖަށް ފޮނުވާފައެވެ. އެހެންނަމަވެސް މި ފުރުޞަތު ނުލިބި ތިބި ބައެއް ފަރާތްތައް އަދިވެސް ތިބިކަމުގެ ޝަކުވާއަކީ ޢާއްމުންގެ ކަންބޮޑުވުމެކެވެ.
ޕީއެސްއެމްގެ "ހަފްތާ14" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެފަދައިން ދިމާވެފައިވާ މީހުންގެ ތެރެއިން އަދިވެސް ޙައްޖަށް ނުދެވި ބައެއް ފަރާތްތަކުން ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައި އެހެންނަމަވެސް ބައެއްގެ މަކަރުވެރިކަމުގެ ސަބަބުން ނުދެވި ހުރި މީހަކު ހުރިނަމަ އެ މަޢުލޫމާތު އިސްލާމިކް މިނިސްޓްރީއާއި ހިއްސާކުރުމަށް ވަޒީރުވަނީ އެދިވަޑައިގަންނަވާފައެވެ.