ޢުމްރާ ދަތުރު ދިއުމަށް ނިޔަތް ގަންނަ ހިސާބުން ފެށިގެން ގިނަގިނައިން އސްތަގްފާރުކުރަންވާނެއެވެ. ފާފަފުއްސަވައިދެއްވެވުމަށް އެދި ދުޢާކުރަންވާނެއެވެ. ދަތުރުގެ ކަންކަން ލުއިފަސޭހަކޮށްދެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ. މީސްތަކުންގެ މައްޗަށް ހިތްސާފުކޮށް އިޚްލާޞްތެރިކަން އިސްކުރަންވާނެއެވެ. ތިމާ ކުރިމަތިމިލަނީ އެންމެ އުނދަގޫ އަޅުކަމަކަށްކަން ވިސްނަންވާނެއެވެ.

ދަތުރުގައި ގޮސްއުޅޭއިރު، ސުންނަތުން ޘާބިތުނުވާ ބިދުޢަވެރި ޢަމަލުތައް ބައެއް މީހުން ކުރާތަން ފެންނާނެއެވެ. އެތަން ނުބަލާށެވެ! ސަމާލުކަން ނުދޭށެވެ. އަދި މީސްތަކުން ކުރާ ކަންކަމުގެ ވާހަކަ ނުދައްކާށެވެ. އެމީހުން ކުރާ ކަންކަން އެމީހުންނަށް ދޫކޮށްލާށެވެ.
މާތް ﷲ ގެ ރަޙްމަތްފުޅުން ދިވެހިންނަކީ ސުންނަތަށް ޢަމަލުކުރާ ބައެކެވެ. އެހެން ޤައުމުތަކަށް ބަލާއިރު ބިދުޢަތަކާއި އެންމެ ދުރު ބައަކީވެސް ދިވެހިންނެވެ.

އެކުވެރިންގެ ތެރެއިން މީހަކު ނުވަތަ ޢާއިލާގެ މީހަކު ނުބައިމަގަކުންދާނަމަ ޢުމުރާއަށް ގެންދަން މަސައްކަތްކުރާށެވެ. އޭނާއަށް ޒަމްޒަމްފެން ބޯންދޭށެވެ. 2 ޙަރަމްފުޅާއި މުސްލިމުން ދީނުގެ ކަންކަމަށް ލޯބިކުރާ މިންވަރު އެމީހުންގެ ލޮލަށް ފެނުމަކީވެސް އިސްލާޙްވުމަށް މަގުފަހިވާނެ ކަމެކެވެ. އަދި އެކުގައި ގެންދެވެން ނެތްނަމަ ޢުމުރާވުމުގެ ތެރޭގައި އެމީހަކަށް ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރާށެވެ.
- އަސްކޮއި ޓްރެވަލް ސަރވިސް މެދުވެރިކޮށް ޢުމްރާއަށްދާ 2 ގްރޫޕުގެ މީހުންނަށް ޝައިޚް އިބްރާހީމް ފަރީދު އަހްމަދު ދެއްވި ނަޞޭޙަތުން