ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ. "ރަސްމާލެ" ބިންހިއްކުމުގެ މި މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ފުށި ދިއްގަރު ފަޅުގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1150 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ.
މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ. މިގޮތުން، ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް ފުށިދިއްގަރު ފަޅުން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫޢެވެ.
މިފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އެޗްޑީސީންނެވެ.
މިމަޝްރޫޢުގެ ދަށުން، 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ހުޅުމާލެ ފޭސް 1،2 އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށެކެވެ. ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށްވަނީ ނިންމާފައެވެ.
ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. ފުށިދިއްގަރު ފަޅުން ހުޅުމާލެ ދެފިޔަވަހި އެއްކޮށްލީމަ ވާވަރުގެ ތިން ގުނަ ސަރަހައްދެއް ލިބިގެންދާނެއެވެ.