ރާއްޖޭގަ އިސްލާމީވަންތަ ވެރިކަމެއް ކުރަން މަސައްކަތްކުރުން- ޢަދާވާތްތެރިންނަކަށް ޙަޖަމެއް ނުކުރެވުނު! ކޮންމެ ރައްޔިތަކީ ﷲ ގެ ދީން ދިފާޢުކުރާ ފަހުލަވާނަކަށްވާން ޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ރާއްޖޭގަ އިސްލާމީވަންތަ ވެރިކަމެއް ކުރަން މަސައްކަތްކުރުން- ޢަދާވާތްތެރިންނަކަށް ޙަޖަމެއް ނުކުރެވުނު! ކޮންމެ ރައްޔިތަކީ ﷲ ގެ ދީން ދިފާޢުކުރާ ފަހުލަވާނަކަށްވާން ޖެހިފަ!

މިއަދު ފެނިގެން މިދިއައީ ރާއްޖޭގައި އިސްލާމީވަންތަ ވެރިކަމެއް ކުރަން މަސައްކަތްކުރަން ސަރުކާރުން ފެށުމުން ޢަދާވާތްތެރިންނަށް އެކަން ޙަޖަމް ނުކުރެވުނުތަނެވެ. އެކަން ހުއްޓުވަން މަސައްކަތްކުރަން ފެށިތަނެވެ. 

މިއަދު ފެނިގެން މިދިއައީ ޖަމާޢަތުގައި ނަމާދުކުރުމަށާއި، ފަތިސްނަމާދުގެ ޖަމާއަތަށް ސަމާލުކަން އިތުރުކުރުމަށާއި ދެދުނިޔެ ހޯދަން މަސައްކަތްކުރާ ބައަކަށް ވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރެއްވުމުންނާއި ޑްރަގުގެ މައްސަލައަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކލެއް ކަމަށް ސަރުކާރުން ކަނޑައެޅުމާއި އަދި އިސްލާމީވަންތަކަމާއިއެކު ރިވެތި ދިރިއުޅުމެއް އުޅެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައި އެކަންކަމަށް މަގުފަހިކޮށްދެއްވަން މަސައްކަތްޕުޅު ފެށްޓެވުމުން ޢަދާވާތްތެރިންނަށް އެކަންކަން ޙަޖަމް ނުކުރެވުނުތަނެވެ. 

މުސްލިމް ދިވެހި ރައްޔިތުންނަށް އޮތީ ކުރިމަތިވާންހުރި ނުރައްކައުތެރިކަންކަމަށް ވިސްނައި ތައްޔާރުވުމެވެ. ﷲ ތަޢާލާގެ ދީން ނަގަހައްޓަން މަސައްކަތްކުރާ ހިތްވަރުގަދަ ފަހުލަވާނުން ކަމުގައި ކޮންމެ މީހަކުވެސްވުމެވެ. ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ އަޅަކަށް ވުމެވެ. 

މިއަދުގެ ވެރިކަމުގެ ތެރެއިން މިހައިތަނަށް ފެންނަމުން އަންނަނީ ދިވެހިންގެ ތެރޭގައި ހުރި އިސްލާމް ދީނާއި ބީރައްޓެހި ޢަމަލުތައް ނައްތާލައި އިސްލާމް ދީނުގައިވާ މަގުން ޢަމަލުކުރަން ރައްޔިތުންނަށް ހިތްވަރުދީ އެކަންކަމަށް މަގުފަހިކޮށްދޭން މަސައްކަތްކުރާތަނެވެ. މިކަންކަމަކީ މުސްލިމުންގެ ޢަދާވާތްތެރިންނަށް ޤަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ. އެއީ ތެދުވެރި ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެ ކަންކަމެވެ. 

ﷲ ތައާލާ ދެއްވަވާ ނިޢުމަތްތަކަށް ޣާފިލުވެއްޖެނަމަ ދެން ކުރިމަތިލާންޖެހޭނެ ޙާލަތު އިންތިހާއަށް ހިތާމަވެރިވާނެކަން އެއީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެ ކަމެކެވެ. ﷲ ތަޢާލާގެ ޢަދާވާތްތެރިން ދައްކާ ބިރުތަކަށް ފަސްޖެހި ދީލައި ނުލާ ބައަކަށް ވެގެން ނޫނީ އާޚިރަތް ލިބުމެއް ނެތެވެ. 

މުހިންމީ ﷲ ތަޢާލާގެ އިރާދަފުޅާއިއެކު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ކިޔާ ނަމެއް ނޫނެވެ. އެބޭފުޅަކު ވެރިކަން ކުރައްވާ ގޮތެވެ. މުހިންމީ އެބޭފުޅަކު ﷲ ތަޢާލާގެ ދީނަށް ނަޞްރު ދެއްވަވައި ދީން ޙިމާޔަތްކުރައްވަވާ މިންވަރެވެ. އެކަމަށް ކުރައްވާ މަސައްކަތެވެ. ރައްޔިތުންނަށް އޮތީ ހޭލުންތެރިވެތިބުމެވެ. ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުމަށްޓަކައި މޭއަޑަނައަކަށް ދިއްކޮށްލަން ފަސްޖެހޭނެ މީހަކަށް ހަމަ އެންމެ ދިވެހި ރައްޔިތަކުވެސް ނުވުމެވެ. 

"ޔާ ﷲ! އަޅަމެންގެ ލޮބުވެތި މިދިވެހި ފަސްގަނޑަކީ އިސްލާމީ ވަންތަ ވެރިކަމެއް ކުރާ ފަސްގަނޑަކަށް ހެދުމަށް މިއަދުގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް ނަޞްރާއި ތައުފީޤް  ދެއްވަވާނދޭވެ! ޢަދާވާތްތެރިންގެ މަކަރުވެރި ރޭވުންތަކުން އަޅަމެން ސަލާމަތް ކުރައްވަވާނދޭވެ!" އާމީން

 

މިއަދު އޮންލައިން