އެމްޑީޕީން ފުރަތަމަ ކުރިކަމަކީ އެމަޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށް އެމަނިކުފާނު މަޤާމުން ދުރުކުރާނެ ކަމުގެ ބިރުދެއްކުމެވެ.
ދެން މިފެނުނީ ދައުލަތުގައި ފައިސާ ހުސްވެ އިނދަޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި މަޖިލިސް މެންބަރުންގެ މުސާރަބޮޑުކުރިތަނެވެ. އެކަން ގިރިޓީ ކުރަން ދައުލަތުގެ އިސްވެރިންގެ މުސާރަތައްވެސް ބޮޑުކުރިތަނެވެ.
ދެން އިވިގެންދިއައީ ރައްޔިތުން މިފަދަ ދަތިޙާލުގައި ތިއްބައިވެސް މުސާރަތައް ބޮޑުކުރީ ސަރުކާރުން ބޭނުންވެގެން ކަމަށް ދެކެވުނު ވާހަކަތަކެވެ.
ވިއްދައިގެން ސަރުކާރުން ބުނީ މުސާރަބޮޑުކުރަން ސަރުކާރުން ނުއެދޭކަމަށާއި އެއީ އެކަންކުރި ބައަކު ޢަމިއްލައަށް ކޮށްގެންއުޅޭކަމަށެވެ. ހަމައެއާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަޖިލީހުން މުސާރައަށް ބޮޑުކުރިބައި ބޭނުންފުޅުނުކުރައްވާނެ ކަމަށާއި ކުޑަކުދިންގެ ހިޔާފަދަތަނަކަށް ހަދިޔާކުރައްވާނީ ކަމަށެވެ.
މިހުރިހާ ކަންކަމަށް ވިސްނާލުމުން އެނގިގެންދިއައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ވަކިކޮށްފާނެކަމަށް ޕީޕީއެމްޕީއެންސީގެ އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެއްވެސް ކަންބޮޑޫވުމެއް ނެތްކަމެވެ. ބައަކު ޖަހާހާ ބެރަކަށް ނުނަށާނެ ކަމެވެ. މަސައްކަތްކުރާނީ މާތް ﷲ ގެ ދީނަށް ނަޞްރުދީ ރާއްޖޭގައި ހެޔޮވެރިކަމެއް ކުރަންކަމެވެ. ކާމިޔާބު އެދެނީ ﷲ ގެ ޙަޟްރަތުންކަމެވެ.
މި ނިޔަތާއި ހިތްވަރާއި ޢަޒުމްހުރިނަމަ ﷲ ނަޞްރުދެއްވަވާނެތެވެ. ކާމިޔާބީ ދެއްވަޥާނެތެވެ. އިން ޝާ ﷲ. ދުޢާއަކީ ފާއިތުވި 5 އަހަރު ފަދަ ޤައުމަށް ޣައްދާރުވެ ޤައުމު ފޮތިފޮތިކޮށް ވިއްކާލައި ﷲ ތަޢާލާގެ ދީނުގައި ކޮޅުފައިންތެޅި ބައެއްގެ ކިބައިން ދިވެހި އުންމަތް އަބަދުގެ އަބަދަށް ސަލާމަތްކުރެއްވެވުމެވެ. އާމީން