ޒަކާތު ފަންޑު، އަވްޤާފް ފަންޑު އަދި ޙައްޖު ފަންޑު ތަރައްޤީ ކުރުމަށް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި މޯލްޑިވްސް އިސްލާމިކް ބެންކު (އެމް.އައި.ބީ) އާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އެމް.އައި.ބީގެ ފަރާތުން ސޮއި ކުރެއްވީ އެ ބެންކުގެ ސީއީއޯ، މުފައްދަލް އިދުރިސް ޚުމްރީއެވެ.
މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިއަދު ވަނީ އުނގޫފާރު ކައުންސިލްގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އުނގޫފާރުގެ ތަރައްގީއަށް ހިންގޭ މަޝްރޫޢުތަކުގައި އިސްލާމިކް މިނިސްޓްރީގެ އެއްބާރުލުން ލިބޭނެ ކަމަށް ވަޒީރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި އެ ރަށުގައި އަތޮޅު ވަޤުފް މަޝްރޫޢުއެއް ހިންގުމާއި މެދު ވަނީ ކައުންސިލްގެ ޚިޔާލު ހޯއްދަވައިފައެވެ.
މީގެ އިތުރުން އުނގޫފާރުގައި ކުރިއަށްގެންދާ ޑރ. އަފްރާޝީމް ޤުރުއާން މުބާރާތް މިނިސްޓްރީން ސްޕޮންސަރ ކުރައްވާނެ ކަމަށް ވަޒީރު ވަނީ މިބައްދަލުވުމުގައި ވިދާޅުވެފައެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިއަދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމްއާއިވެސް ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، މިނިސްޓްރީއާއި ޕީޖީ އޮފީހުން ގުޅިގެން ހިންގިދާނެ ކަންކަމާއި މެދު ވަނީ މަޝްވަރާކުރައްވައިފައެވެ.

އަދި އެ އޮފީހުން ގުޅިގެން ހިންގަންބޭނުންވާ ހުރިހާ ހަރަކާތްތަކަކަށް މިނިސްޓްރީގެ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ޑރ. ޝަހީމް ވަނީ ދެއްވައިފައެވެ.