ތަރައްގީގެ މަޝްރޫއުތަކަށް ބިޑަކާނުލައި އަމިއްލަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތަރައްގީގެ މަޝްރޫއުތަކަށް ބިޑަކާނުލައި އަމިއްލަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި

މާލިއްޔަތު ޤަވައިދަށް ގެނައި އިސްލާހާއި އެކު ތަރައްގީގެ މަޝްރޫއުތަކަށް ބިޑަކާނުލައި އަމިއްލަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

މާލިއްޔަތު ޤަވައިދަށް ގެނައި ފުރަތަމަ އިސްލާހުގައި ވަނީ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ސަރުކާރުން އިއުލާނު ނުކުރާ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެގޮތް ޢާންމުކުރައްވާފައެވެ. އެގޮތުން ޑައިރެކްޓު އުސޫލުން އަދި ޕްރައިވެޓް ސެކްޓަރ އިނިޝިއޭޓިވްގެ ދަށުން މަސައްކަތް ހަވާލު ކުރެވޭނީ މަސައްކަތުގެ ބާވަތާއި އަގު، އަދި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭހެން އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ އެ މަސައްކަތެއް އެވޯޑުކުރަން ނިންމި ސަބަބު މާލީ ވަޒީރާ ހިއްސާކުރެއްވުމަށްފަހު ވަޒީރުގެ ލަފާފުޅާއެކުގައެވެ.

އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓު މޯލްޑިވްސް ކުންފުންޏަށެވެ. އެފަދަ ގޮތަކަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުން 3 މަރުހަލާއެއްގައި ކުރިއަށްދާނެކަމަވެސް އިސްލާހުގައި ބުނެއެވެ. އަދި ތިންވަނަ މަރުހަލާގައި އިންވެސްޓުމެންޓު ނުވަތަ މަސައްކަތް ކުރިއަށްގެންދާ ކުންފުނި ރަޖިސްޓްރީކޮށް އެއްބަސްވުމުގައި ސޮއިކުރާނެކަމަށް މާލިއްޔަތު ޤަވައިދަށް ގެނައި އިސްލާހުގައިވެއެވެ.

ސަރުކާރުން ކުރިއަށް ގެންދަން އިއުލާނު ކޮށްފައިވާ ނުވަތަ ރާވާފައިވާ މަޝްރޫއުއެއް ނަމަ، އެފަދަ ޕްރޮޕޯސަލްއެއް ހުށައެއްނޭޅޭނެކަމަށް އިސްލާހްގައިވެއެވެ. އަދި އެ ހުށަހަޅާ މަޝްރޫއުއަކީ ސަރުކާރުން އެފަދަ މަޝްރޫއުއެއްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މަސައްކަތް ފަށާފައިވާ މަޝްރޫއުއަކަށް ވެސް ވެގެން ނުވާނެއެވެ.

މިއަދު އޮންލައިން