އިސްލާމިކް ޓްރެޜަރީ ބޮންޑެއް ތައާރަފްކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން މާލީ ވަޒީރު ޑރ. މުޙަމައްދު ޝަފީޤު ވިދާޅުވިީ، އަމާޒަކީ މި ފެށޭ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން މި ބޮންޑު ތައާރަފްކުރުން ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭނަން ކެޕިޓަލް މާރކެޓު ޑިވެލޮޕްކުރުމުގައި ސީ.އެމް.ޑީ.އޭ އާއި ގުޅިގެން އަދި ސްޓޮކް އެކްސްޗޭންޖާވެސް ގުޅިގެން މަސައްކަތްތަކެއް ކުރުމަށްޓަކައި، އެގޮތުން އުންމީދަކީ އިސްލާމިކް ޓީ ބޮންޑެއް މިއަހަރުގައި ތައާރަފްކުރުމަށް، އެ އަޒުމުގައި މަސައްކަތްކުރަމުން މިދަނީ،" މާލީ ވަޒީރު ވިދާޅުވިއެވެ.
އިސްލާމިކް ޓީ-ބޮންޑެއް އެއް ތައާރަފްކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ކުރަމުންދާއިރު، މިދިޔަ ހަފްތާގެތެރޭގައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ބޮންޑެއް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ވަނީ ލިސްޓުކޮށްފައެވެ. މާލީ ވުޒާރާގެ ފަރާތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވަނީ، 50 މިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑެކެވެ.